ސާކުގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރެއްވުން | ފޮޓޯ: ރައީސ

ސާކްގެ ސެކްރެޓަރީ ޖެނެރަލް ރައީސްގެ އަރިހަށް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމްޑީ ގޮލާމް ސަރުވަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި އެމަނިކުފާނު ކުރެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި ދެއްވި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ސާކް އަދާކުރާ މުހިންމު ދައުރު ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސާކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ތަކުރާރު ކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވި އެވެ.

ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވި އެވެ. އަދި ސާކް އުފެއްދި މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަކީ އެ ޖަމްޢިއްޔާއަށް ނުހަނު މުހިންމު ޤައުމެއްކަން ފާހަގަކުރައްވައި، ސާކްގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސާކްގެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ ގުޅުން ބަދަހިކުރުމާއި އެންމެން ގުޅިގެން ކުރިއެރުން ހޯދޭނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފަ އެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ކުރިމަގުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.