މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ޑިމާންޑްކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި މުޒާހަރާއާ ގުޅިގެން ހައްޔަރުކުރި ހުރިހާ ފަރާތްތަކެއް ވަގުތުން ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ގޮވާލައްވާފަ އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާލުން ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު، ބުރާސްފަތި ދުވަހުގެ މެންދުރުފަހު ފުލުހުން ވަނީ ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. އެގޮތުން، ކްރިމިނަލް ކޯޓުން ވަނީ ތަހުގީގަށް ބޭނުންވާތީ އެ ތިން މީހަކު ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ބަންދުކުރި މީހުންގެ ތެރޭގައި، އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި ކެންދޫ ދާއިރާގެ މެމްބަރު އަދި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު މައުރޫފް ވެސް ހިމެނިވަޑައިގަތެވެ. ނަމަވެސް މައުރޫފް ވަނީ އިއްޔެ ބަންދުން ދޫކޮށްލާފަ އެވެ.
ނަޝީދު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައުރޫފާއި މަސްވެރިން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެމީހުންގެ އަޑުއުފުލަން ތިއްބައި ކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު ހަނިކުރުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.
މި އިހުތިޖާޖު އިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާއިން ބުނީ، މަސްވެރިން ސުލްހަވެރިކަމާއެކު ތިއްބައި، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ކަމަށެވެ. އެމީހުން ބުނި ގޮތުގައި އެއީ ސުލްހަވެރި މުޒާހަރާއެކެވެ.
ނަމަވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ، އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކުން މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް ހުރަސްއަޅައި، ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އަދި އުޅަނދުފަހަރަށް ހުރަސްއަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަނުމަށް މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.