ހުޅުމާލޭން ދޫކުރި ގޯތިތަކުގައި ވިޔަފާރި ހިންގަން ހުއްދަދެނީ

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ހުޅުމާލެ އިން ދޫކޮށްފައިވާ ގޯތިތަކުގައި ވިޔަފާރި ހިންގަން ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށް ނިންމުން ފާހަގަކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ހުޅުމާލޭގައި ފޯރުކޮށްދޭ ކޮންމެ ހިދުމަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ބިމަކުން ފޯރުކޮށް ދޭނެ ހިދުމަތަކަށް ވާން ނުޖެހޭ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި މިހާރު އެޗްޑީސީގެ ގިނަ ބިންތަކެއް ނެތްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެ ފޭސް އިން އާންމުންނަށް 2،000 އަށް ވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ބިންތަކުގައި އިމާރާތްކުރާއިރު ވަރަށް ބޮޑަށް "ތަޅުއެޅިފައިވާ" ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު އެ ބިންތަކުގައި އިމާރާތް ކުރަން ޖެހެނީ ހަމައެކަނި ދިރިއުޅުމަށް ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މުއްތަލިބް ވިދާޅުވި އެވެ.

އެހެންވެ އެ ބިންތަކުގައި ޕްރީސްކޫލާއި ކްލިނިކާއި ޝޮޕިން ކޮންޕްލެސްތައް ތަރައްގީކުރަން ފުރުސަތު ފަހިކޮށް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހެއޭ ރައްޔިތުންނަށް ދޫކޮށްފައިވާ ބިންތަކުގައި ވިޔަފާރީގެ އުސޫލުން ތަރައްގީކޮށްގެން އެ ބިންތަކުން ފައިދާ ހޯދާ މިތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތްވެސް ތަނަވަސްކޮށް ދޭން." މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަމުން ބިންތައް ލިބިފައިވާ މީހުންނަށް ފައިދާވުމާއި މުޅި މުޖްތަމައުއަށް ވެސް ބޮޑު ފައިދާއެއް ވާނެ ކަމަށެވެ. އަދި މިއީ އިގްތިސާދަށް ވެސް އަންނާނެ ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނަށް ފަސޭހަކަމާ ލުއިކަމާ ތަނަވަސްކަން ލިބޭނެ ގޮތަށް އެ ބިންތައް އެކަށީގެންވާ ގޮތެއްގައި ބޭނުންކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ." މުއްތަލިބު ވިދާޅުވި އެވެ.