ހިޔާ ޓަވަރުތަކުގައި ލިފްޓް އިތުރު ކުރުމުގެ މަސައްކަތް ނިންމާލައިފި

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި ރޭ އިފްތިތާހުކޮށްފި އެވެ.

ލިފްޓްތަކުގެ މަސައްކަތް ނިންމައި، އިފްތިތާހުކޮށްދެއްވީ ރޭ އެކަމަށްޓަކައި ހިޔާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީކުރިއިރު އެތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫން ކަމަށާއި، ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އާންމުން ކުރިން ފާހަގަކޮށްފައިވެ އެވެ. މި މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި މަސައްކަތުގެ ދަށުން ކޮންމެ ޓަވަރަކަށް ވަނީ ޒަމާނީ ފެންވަރުގެ ދެ ލިފްޓު އިތުރުކޮށްފައެވެ. އެއީ ބަލިމީހުން އުފުލުމަށް ހާއްސަކޮށްފައިވާ 21 މީހުންގެ ޖާގައިގެ ބޮޑު ސްޓްރެޗަރު ލިފްޓަކާއި، އާންމުކޮށް ބޭނުންކުރުމަށް ހާއްސަކުރެވިފައިވާ 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

މީގެ އިތުރުން، މި ލިފްޓުތައް ފަރުމާކޮށްފައި ވަނީ ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް އަމިއްލައަށް ބްރެއިލް ސިސްޓަމް މެދުވެރިކޮށް ފަސޭހައިން ފްލޯތަކަށް ދެވޭނެ ގޮތަށެވެ.

ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުއަށް 18 މިލިއަން ޑޮލަރު ހޭދަވި ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.