ހުޅުމާލޭގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހަކު ޖޫރިމަނާކޮށް، އުޅަނދު ޓޯކޮށްފި އެވެ.
ފުލުހުން ބުނީ ރޭ 10:30 ހާއިރު، ހުޅުމާލެ 1 ގައި އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް 20 އަހަރުގެ ފިރިހެނަކު ދުއްވި ސައިކަލެއް ޓޯކޮށް، ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ނުރައްކާތެރިކޮށް ދުއްވިކަން ފާހަގަވީ އެ ވަގުތު ހުޅުމާލެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ކަމަށާއި އެ ސައިކަލު ދުއްވާފައި ދިޔައީ ކިނބިގަސްމަގު ފްލެޓް 12 ކައިރިން ދެކުނުން އުތުރަށް ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ ދުއްވާފައި ދިޔައީ ސައިކަލްގެ ކުރީ ފުރޮޅު ހިއްލައިގެންނެވެ. އެ ސައިކަލް ޓޯކުރުމުގެ އިތުރުން އޭނާ ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިނަމާލެ ބުރިޖުގައި، ސައިކަލު މަތީ އޮށޯވެގެން އޮވެ ދުއްވި މައްސަލައެއްގައި ވެސް މި ފަހުން މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އެއްގަމު އުޅަނދުގެ އާ ގާނޫނުގެ ދަށުން ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ބޮޑެތި ފިޔަވަޅުތައް އެޅެ އެވެ.