ހުޅުމާލޭ ސިންތެޓިކް ޓްރެކް ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހުޅުމާލޭ ސިންތެޓިކް ޓްރެކް، ޕީޔޫ (ޕޮލިއުރެތޭން) ޓްރެކަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ދުނިޔޭގެ އެތުލެޓިކްސްގެ މައި އިދާރާ (ވޯލްޑް އެތުލެޓިކްސް) ގެ މިންގަނޑުތަކާ އެއްގޮތަށް މި ޓްރެކް ތަރައްޤީކުރުމުގެ މަސައްކަތް މި އޮކްޓޫބަރު މަހުގެ ތެރޭގައި ފަށްޓަވާނެކަން، ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އިޢުލާންކުރެއްވީ ނިމިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި "އަހާ" ފޯރަމުގައެވެ.

ވަޒީރު ރާފިޢު ވިދާޅުވީ، ޓްރެކް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ބޭނުންވާ އެންމެހައި ތަކެތި މިހާރު އޯޑަރުކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ތަފްޞީލީ ކުރެހުންތަކާއި، ފަންނީ އެންމެހައި ދިރާސާތައް މިހާރު ނިމިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަހު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އަދި ސަރުކާރުގެ އުއްމީދަކީ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، އެތުލީޓުންނަށް ރަސްމީކޮށް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.