ރަސްމާލޭގައި ވޯޓާފްރޮންޓް މަޝްރޫއު ހިންގަން ހަވާލުކުރި ޔޫއޭއީގެ ކުންފުނި، އީގަލް ހިލްސް އިން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުގެ ވީޑީއޯ ދައްކާލައިފި އެވެ.
އެ ވީޑިއާ އިންފްރާންސްޓްރަކްޗަ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވާ އިރު، ތިންވަނަ ފިޔަވަހީގައި އީގަލް ހިލްސް އިން ޒަމާނީ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށް ދޭނެ އެވެ.
މިނިސްޓަރު މުއްތަލިބް ހިއްސާ ކުރެއްވި ވީޑިއޯގައި ރެސިޑެންޝަލް ޓަވަރުތަކާއި ވޯޓާފްރަންޓް ޓައުންހޯމްތައް ފެނެ އެވެ. މީގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި ކެފޭ، ރެސްޓޯރަންޓްތައްވެސް މި ވީޑީއޯއިން ފެނެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
އަބޫދާބީގެ"އީގަލް ހިލްސް އިން ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ކޮމާޝަލް ޓާމްސް އެގްރިމެންޓްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގަ އެވެ.
ވޯޓާފްރަންޓް އަދި މެރީނާ ހިމެނޭ މި މަޝްރޫއު ކުރިއަށް ގެންދަން ރަސްމާލެ އިން ބޮޑު ބިމެއް ހަމަޖައްސާފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓްތައް އަދި މަތީ ފަންތީގެ ބްރޭންޑަޑް ރެޒިޑެންސްތައް ތަރައްގީ ކުރަން ހަމަޖެހިފައިވެ އެވެ. އަދި އެތަނުގައި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ވެސް ހިމެނޭ އިރު، ވޯޓާފްރަންޓް ސަރަހައްދުތަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ސެންޓަރުތައް ހިމެނެ އެވެ.
އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގައި ކަންބޮޑުވާން ވަރަށް ގިނަ ކަންކަން ހުރި ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައެއް އާންމުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.