ހުޅުމާލެ "ރުއްގަނޑު 2 " ސަރަހައްދުގައި ޒަމާނީ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްޤީކުރަނީ

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ހުޅުމާލޭ ފޭސް އެކެއްގައި ވިޔަފާރި އަދި އިޖުތިމާޢީ އެކި ހަރަކާތްތަކަށް މިހާރުވެސް ބޭނުންކުރަމުން އަންނަ މަޤްބޫލު ސަރަހައްދެއް ކަމަށްވާ "ރުއްގަނޑު 2" ގެ ހުސްބިމުގައި، މުނިފޫހިފިލުވުމަށް ޚާއްޞަކޮށްގެން އެންމެ ޒަމާނީ ފެންވަރުގެ ބޯލިންގ އެރީނާއަކާއި ގޭމިންގ އާކޭޑެއް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި، އެކި ބޭނުންތަކަށް އެ ސަހަރަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިންގެ މެދުގައި މަޤްބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.


މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް 10 ލޭނުގެ ބޯލިންގ އެލީއަކާއި، ކުޑަކުދިންނާއި ޒުވާނުން ގަޔާވާނެ ފަދަ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޭމިންގ އާކޭޑެއް ޤާއިމުކުރެވިގެންދާނެއެވެ. މީގެއިތުރުން، އެކި ކަހަލަ އުފާވެރި ޕާޓީތަކާއި، އާއިލީ އެއްވުންތަކުގެ އިތުރުން މުހިންމު އިޖުތިމާޢީ އެކި ހަރަކާތްތައް ބޭއްވުމަށް ޚާއްޞަ މަލްޓި ޕާޕަސް ހޯލެއް ވެސް މި އިމާރާތުގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި އިމާރާތުގެ ޑިޒައިން އެކުލަވާލާފައިވަނީ އެ ސަރަހައްދުގެ ގުދުރަތީ ވެއްޓާއި ގޮނޑުދޮށުގެ ރީތިކަމަށް އެއްވެސް ބަދަލެއް ނާންނާނެހެން، އަދި އެތަނުގައިވާ ފެހި ގަސްގަހާގެއްސަށް ގެއްލުން ނުވާނެ ފަދަ ތިމާވެށްޓާ ރައްޓެހި މިންގަނޑުތަކަށެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމާއެކު ތަރައްޤީ ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި އައު މަޝްރޫޢު ފުރިހަމަވުމުން، ހުޅުމާލޭގެ ރަށްވެހިންނަށާއި، އެކި ރަށްރަށުން ޒިޔާރަތްކުރާ އާއިލާތަކުގެ އިތުރުން ޒުވާނުންނަށް އެކުވެރިކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ އަމާން، ހިތްފަސޭހަ އަދި އުފާވެރި މާހައުލެއް ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، އިޖުތިމާޢީ ގުޅުންތައް ވަރުގަދަ ޒަމާނީ ސަހަރަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ