ޔޫތު ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

ޒުވާނުންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން އިތުރުކޮށް، ޒުވާނުންނަށް ޚާއްޞަ މާޙައުލެއް ބިނާކުރުމަށް ޒުވާނުންގެ ޢަމަލީ ބައިވެރިވުން ހޯދުމުގެ މަޤްޞަދުގައި "ޔޫތު ކެފޭ ޑިޒައިނިންގ ކޮމްޕެޓިޝަން" ގެ ނަމުގައި މުބާރާތެއް ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން އިޢުލާނުކޮށްފިއެވެ.

މި މުބާރާތަކީ ޔޫތު ހަބް ކެފޭއަށް ޢަމަލީގޮތުން ތަންފީޒު ކުރެވޭނެ، ޒުވާނުންނާ ގުޅޭ ތަފާތު ކޮންސެޕްޓެއް ހުށަހެޅުމަށް 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކުން ފަރުމާކުރާ ނަމާއި، ލޯގޯ އަދި ޑިޒައިނާ އެއްގޮތަށް ޔޫތު ކެފޭ ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމުގައި ޒުވާނުންނާ ރައްޓެހި އަދި ޝައުޤުވެރި މާޙައުލަކަށް ވުމާއި، އައު ކަންތައްތަކާއި އުފެއްދުންތެރި ޚިޔާލުތައް އެކުލެވުމުގެ އިތުރުން އިމާރާތްކުރުމުގައި ޢަމަލީގޮތުން ބޭނުންކުރެވޭނެ އަދި މާލީގޮތުން ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކޮށްފައިވުމަށް ބަލާނެއެވެ. މީގެ އިތުރުން ކިޔެވުމާއި މަސައްކަތް ކުރެވޭނެ ޖާގައާއި، ކުޅިވަރު އަދި ޒުވާނުންގެ ޙަރަކާތްތަކަށް އެކަށޭނަ ހިތްފަސޭހަ ވެއްޓެއް ހިމެނުމާއެކު، ކެންޓީނުގެ ނަމާއި، ލޯގޯ ކޮންސެޕްޓާއި، ކުލަތަކާއި، ޝިޢާރާއި، އެތެރޭގެ އިންޓީރިއަރ ޑިޒައިނާއި، މުވައްޒަފުންގެ ޔުނީފޯމް އަދި މެނޫ ޑިޒައިން ހުށަހަޅަންޖެހެއެވެ.

މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

1 ވަނަ: 30,000 ރުފިޔާ

2 ވަނަ: 10,000 ރުފިޔާ

3 ވަނަ: 5,000 ރުފިޔާ

މި މުބާރާތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 1 ނޮވެމްބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 1:00 ގައި ލިލީމަގުގައި ހުންނަ ޔޫތު ހަބުގައި އޮންނާނެއެވެ.

މުބާރާތަށް ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދާނީ މި ސެޝަނަށް ވަޑައިގެން ނަން ނޯޓުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޑިޒައިން ހުށަހަޅަންޖެހޭ ސުންގަޑިއާއި އެހެނިހެން މުހިންމު ތަފްޞީލުތައް މި ސެޝަންގައި ޙިއްޞާކުރެވޭނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ޔޫތު ހަބުގެ ނަންބަރު 4000525 އާ ގުޅުއްވުމަށް ވަނީ އެދިފައެވެ.