އެއާޕޯޓު އެޅުމުގެ ބަދަލުގައި ކުދި މަތިންދާބޯޓުތަކަށް ރަށްރަށަށް ޖެއްސޭނެ ގޮތެއް ހޯދަން ސަރުކާރުން ދިރާސާކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ، ސީޕްލޭންގެ ޚިދުމަތް ދިނުމުގައި ދިމާވާ ގޮންޖެހުމަކީ ރޭގަނޑު އެ ޚިދުމަތް ނުދެވުން ކަމަށާއި އެހެން ނަމަވެސް ސީޕްލޭންގެ ބަދަލުގައި، ބައެއް ރަށްރަށުގައި އެއާސްޓްރިޕްތައް ހަދައި، ބޯޓުތައް ޖެއްސޭނެ ގޮތް ހެދިދާނެ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ، ބޮޑެތި ރަށްރަށުގައި އެހާ ބޮޑު ނޫނަސް، ސީޕްލޭން ސައިޒުގެ ބޯޓުތަކުގައި ވީލް ހަރުކޮށްފައި ޖެއްސޭނެ ވަރުގެ އެއާސްޓްރިފްސް ގިނަ ރަށްތަކުގައިއެޅުމަކީވެސް، ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭ ކަމެއް ކަމުގަ އެވެ. އޭރުން މަތިން ގޮސް ރޭގަނޑުވެސް ޖެއްސޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިހާތަނަށް ބެލި ބެލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ދިގުމިނުގެ އެއާ ސްޓްރިޕެއް ހަދައިފިއްޔާ އެތާނގައި ކުދި ބޯޓުތަކަށް ޖެއްސޭނެ ކަމަށްވެސް ވިދާޅުވި އެވެ.