ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު - - ފޮޓޯ: މިނިސްޓްރީ

މީޑިއާ ޕްރޮގްރާމްގަކުގެ ފީގެ ވަކި ބައެއް ސަރުކާރުން ދައްކާ ގޮތަށް ހަމަޖައްސައިފި

އާއިޝަތު އަނާ ރަޝީދު
 
19 ދުވަސް ކުރިން

މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމަށް ސަރުކާރުން ބައިވެރިވުމާ ގުޅޭގޮތުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫތު މިނިސްޓްރީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވިއްޖެއެވެ.

އެމްއެންޔޫގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދެވެ. އަދި ނޭޝަނަލް ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

ޔޫތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ފަހުމުނާމާގެ ސަބަބުން މިނިސްޓްރީއާއި ޔުނިވާސިޓީގެ މަސައްކަތްތައް އަވަސްވެ، ގައުމީ ތަރައްގީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނައުމަށް މަގުފަހިވާނެއެވެ. މި އެއްބަސްވުމުގެ ދަށުން ޔުނިވާސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި، މިނިސްޓްރީން ހިންގާ ތަމްރީނު ޕްރޮގްރާމްތަކަށް ޔުނިވާސިޓީގެ ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ދިނުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތްވާ ޕްރޮގްރާމްތައް އެކުލަވާލުމުގައި ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ.

މީގެ އިތުރުން، ޔޫތު މިނިސްޓްރީން ބުނި ގޮތުގައި، ކޮލެޖް އޮފް ޓްރެއިނިން ސެޝަންތައް ހިންގުމަށާއި، ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ހޯދުމުގައި އެމްއެންޔޫއިން އެއްބާރުލުން ދޭނެއެވެ. އަދި މިނިސްޓްރީގެ ފަރާތުން ޔުނިވާސިޓީއަށް ލިބޭނެ އެހީތެރިކަމުގެ ތެރޭގައި، ޔުނިވާސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމުގައި އެހީތެރިވުމާއި، މީޑިއާއާ ގުޅުންހުރި ކޯސްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވުން ހިމެނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު، ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމްތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ނޫސްވެރިންނަށް ގޮވާލެއްވިއެވެ. މިނިސްޓަރު ވިދާޅުވީ، ތަޢުލީމީ ޕްރޮގްރާމްތަކުން ދަސްވާ އެއްޗަކާ، މަސައްކަތުގެ ތަޖުރިބާގެ ތެރެއިން ދަސްވާ އެއްޗަކާ ވަރަށް ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ގާތްގަނޑަކަށް 90 އިންސައްތަ ނޫސްވެރިންނަކީ ސްކޫލް ނިންމާފައި، އެ ދާއިރާއަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ނޫސްވެރިކަމަށް ވަދެ، މަސައްކަތުގެ ތެރެއިން ދަސްކުރަމުން އަންނަ ބައެކެވެ. ނަމަވެސް، ނޫސްވެރިކަމުގެ ދާއިރާއިން ރަސްމީ ތަޢުލީމު ހާސިލުކުރުމުން ލިބޭނެ ފައިދާތަކުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު ނޫސްވެރިންނަށް އިލްތިމާސްކުރައްވަމުން ވިދާޅުވީ، "އަޅުގަނޑު ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާނަމަ ދަންނަވާނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާށޭ، ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތު ވާނެ، ތިބޭފުޅުންނަށް އެނގޭ މިންވަރު ތަފާތު ވާނެ، ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސް ކުރާ އެއްޗާ ލިޔާ އެއްޗާއި ހަމަ ތަފާތުވާނެ،" އެވެ.

އަދި މީޑިއާ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން، ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ވެސް ބައިވެރިވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ނޫސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.