މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިތުރުކޮށް، ނޫސްވެރިކަމުގެ މައިގަނޑު މަބްދައުތައް ނެގެހެއްޓުމުގެ މަތީގައި ދެމިތިބުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ނޫސްވެރިންނަށް ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނޫސްވެރިކަމުން، މައުލޫމާތުގެ ފެންވަރާއި ސައްހަކަން ކަށަވަރުކޮށްދީ، ދެފުށްފެންނަ އަދި ޖަވާބުދާރީވެވޭ އުސޫލުތައް ކުރިއަރުވައި، ޑިމޮކްރަސީގެ އަސާސްތައް ނަގަހައްޓަންޖެހޭނެ ކަމަށެވެ.
އަދި ނޫސްވެރިކަމުގައި އަޚުލާޤީ މިންގަނޑުތައް އެއްފަރާތްކޮށްފިނަމަ، ދޮގު މައުލޫމާތު އާންމުވެ، ގެއްލުންދެނިވި ކަންކަން އިތުރުވެ، ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރީންނަށް ބަރޯސާވާ މީހުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ހިނގައިދާނޭކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ކައިވެނީގެ ބޭރުން ގުޅުން ހިންގި ކަމަށް ތުހުމަތުކޮށް 'އަދަދު' ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން މިދިޔަ ހޯމަ ދުވަހުރޭ ވަނީ އެ ނޫސް ހިންގާ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފަ އެވެ. އަދި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.
ފުލުހުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފައިވާއިރު މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންހެން މީހާ ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވަނީ އެ ތުހުމަތުކުރި މީހާ އާއި ޑޮކިއުމަންޓަރީ ހެދި 'އަދަދު' އަށް ވެސް ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށެވެ.