ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވި މައްސަލައިގައި ޖަލަށް ލާފައިވާ ނޫސްވެރިންނާއި، އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާތަކުން ހައްޔަރުކުރި މީހުންގެ ކަންބޮޑުވުންތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހާއްސަ ތަހުގީގެއް ހިންގަން ނިންމައިފި އެވެ.
އެޗްއާރުސީއެމްއިން ހާމަކޮށްފައިވާ ގޮތުގައި، ކޮމިޝަންގެ ޓީމަކުން ވަނީ ޖަލުގައި ތިބި ނޫސްވެރިންނާއި މުޒާހަރާތަކުން ބަންދުކުރި މީހުންނާ ސީދާ ބައްދަލުކޮށް، އެމީހުންގެ ހާލަތު ގާތުން ބަލާފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އެފަރާތްތަކުން ފާހަގަކުރި އިންސާނީ ހައްގުތަކާ ގުޅުންހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރަސްމީކޮށް ތަހުގީގު ކުރަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ 'އަދަދު' ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށް އަދި ހަމަ އެ ނޫހުގެ މުހައްމަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. ޝަހްޒާންގެ މައްޗަށް މި ހުކުމް އައީ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފަށް ސުވާލު ކުރުމުންނެވެ.
މި ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ދަނީ މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ ނޫސްވެރިން މިނިވަންކުރުމަށާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ކުރަމުންދާ މި މުޒާހަރާތަކުގެ ތެރެއިން ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ބަންދުން ދޫނުކޮށް ހައްޔަރުގަ އެވެ.
ލީވާން އަދި ޝަހުޒާން ފުރަތަމަ ބޭތިއްބީ އެއް ގޮޅިއެއްގައި ނަމަވެސް، ލީވާންގެ ވަކީލު ވިދާޅުވި ގޮތުގައި ފަހުން އޭނާ ވަނީ މަރުގެ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރާ ކުށްވެރިން ތިބޭ ޔުނިޓެއްގެ އެކަހެރި ގޮޅިއަކަށް ބަދަލުކޮށްފަ އެވެ. ނޫސްވެރިއަކު އެފަދަ ނުރައްކާތެރި ޔުނިޓެއްގައި އެކަހެރިކުރުމަކީ އޭނާގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަކީލުން ސިފަކުރެ އެވެ.
މި ވާހަކަތަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވަނީ ލީވާން އެކަހެރި ގޮޅިއަކަށް ބަދަލުކުރި ކަމަށް ބުނާ ވާހަކަ ރަސްމީކޮށް ދޮގުކޮށްފަ އެވެ.