ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކުރާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވުމުގެ ފުރުޞަތު 'އަދަދު' ނޫހަށާއި އެ ނޫހުގެ ރިޕޯޓަރުންނަށް ނުދިނުމަށް އެ އޮފީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ނޫހުން ޝާއިޢުކުރި ވީޑިއޯއަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކުރިއަށްދާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވާތީއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޝާއިޢުކުރި ވީޑިއޯއަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް އެ މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. މީގެއިތުރުން، މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޛާން ވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ޚިލާފުވެފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުން ބުނީ، މީޑިއާތަކުން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ތެދު މަޢުލޫމާތު ފެތުރުމުގެ މަސްއޫލިއްޔަތަށް ރިޢާޔަތްކޮށް، އުސޫލުގެ ދަށުން ލިބިދޭ ބާރުގެ ބޭނުންކޮށްގެން އަދަދު ނޫހަށް ދީފައިވާ ހުއްދަ ބާޠިލްކޮށްފައިވާ ކަމަށެވެ. މި ފިޔަވަޅު އަޅާފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެންނެވެ.
މި ހާދިސާ ހިނގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުވުމެއްގައި، ކޯޓުން ވާހަކަ ދެއްކުން މަނާކޮށްފައިވާ މައްސަލައަކާ ގުޅޭގޮތުން ޝަހުޛާން ސުވާލުކުރުމުންނެވެ. އެ ވަގުތު ރައީސް ވިދާޅުވީ "ދައުލަތުގައި ޤާނޫނީ ސިފަ ނަގަހައްޓަވާނެ" ކަމަށާއި، އެމަނިކުފާނާ މެދު ކުރެވެނީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.
ކޯޓު އަމުރާ ޚިލާފަށް ސުވާލުކުރި މައްސަލައިގައި ނޫސްވެރިޔާ ޝަހުޛާން މިހާރު ވަނީ ކޯޓަށް ހާޒިރުވާން އަންގާފައެވެ. ރައީސް އޮފީހުން މި ފިޔަވަޅު އެޅީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަކަށެވެ.