ސައުދީ އަރަބިއްޔާގެ ވަފްދެއް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މި ޒިޔާރަތުގައި، ސައުދީގެ ވަފުދާއެކު، އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ، މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދާއި ސައުދީގެ ވަލީއަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދު، ރާއްޖެއާ މެދު ގެންގުޅުއްވާ ދީލަތިކަމާއި ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ދެއްވާ އެއްބާރުލެއްވުމުގެ އަގު ވަޒަން ކުރައްވައިފައެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ސައުދީގެ ވަފްދުން ވަނީ ދިވެހި ސަރުކާރާއި ރާއްޖެއިން ދެންނެވި ހޫނު މަރުހަބާއަށާއި ބެހެއްޓެވި މެހްމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ގައުމުންވެސް ވަނީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ، އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ޝައުގުވެރިކަން ދެ ގައުމުންވެސް ހިއްސާކުރައްވާކަން ހާމަކުރައްވައިފައެވެ.
ދައުލަތުގެ ވަޒީރުންނާއި ރައީސް އޮފީހުގެ އިސްވެރިންވެސް، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.