ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދް އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން ދިން މިސައިލް ހަމަލާ، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. މި ހަމަލާގައި 12 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އާންމު ދަތުރުފަތުރުގެ ޚިދުމަތްދޭ މަދަނީ އެއާޕޯޓަކަށް އަމާޒުކޮށް ދިން މި ހަމަލާއަކީ ކަނޑައެޅިގެން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ޚަލީލް ވިދާޅުވީ، އެއްވެސް ހާލަތެއްގައި މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޚަލީލް ފާހަގަކުރެއްވި ގޮތުގައި، އިސްލާމީ އުންމަތް މިވަގުތު ދަނީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށާއި ނުފޫޒު ފުޅާކުރުމަށް މަސައްކަތްކުރާ ބޭރުގެ ބާރުތަކުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ހަނގުރާމައެއްގެ ތެރެއަށް ދަމައިގަންނަމުންނެވެ. އަދި މިއީ ސަރަހައްދުގެ ގައުމުތަކުން ކުރާ ހަނގުރާމައެއް ނޫން ކަމަށާއި، މި ލޭއޮހޮރުވުމުގެ ފައިދާ ލިބެނީ ބައިބައިވުމުން މަންފާ ހޯދާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، މިއީ އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތުކަން ފާހަގަކުރައްވައި، ސުލްހަވެރި ހައްލެއް ހޯދުމަށް އިސްލާމީ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ޚަލީލް ގޮވާލެއްވިއެވެ. އަދި ދެމެހެއްޓެނިވި އިންސާފުވެރި ހައްލެއް އޮތީ ސުލްހަ ގާއިމުކުރެވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.