ސައުދީގެ އެންމެ ބޮޑު ތެެޔޮ އުފައްދާ މަރުކަޒަށް ހަމަލާ ދީފި، ތެލުގެ އަގު މައްޗަށް ދާނެކަމުގެ ބިރު!

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ތެޔޮ އުފައްދާ މަރުކަޒު ކަމަށްވާ ރަސް ތަނޫރާގައި ހުންނަ އެރަމްކޯގެ މަރުކަޒަށް އީރާނުގެ ޑްރޯން ހަމަލާތަކެއް އަމާޒުވެއްޖެއެވެ. މި ހަމަލާގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާއާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަތްނުފޯރާ މިންވަރަށް މައްޗަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ރަސް ތަނޫރާއަކީ ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް މަރުކަޒު ކަމަށްވާތީ، މި ހަމަލާގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށް ބުރޫ އަރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

އެރަމްކޯއިން މައުލޫމާތު ދޭ ގޮތުގައި، ޑްރޯން ހަމަލާއާ ގުޅިގެން އުފެދުނު އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. ނަމަވެސް މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ހަމަލާއަކީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރެއިން ދެވުނު ހަމަލާއެއް ކަމަށް ބެލެވޭއިރު، މީގެ ކުރިންވެސް ސައުދީގެ ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދީފައިވެއެވެ. މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ މާލީ ބާޒާރުތަކަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބެލެވެއެވެ.