މެލޭޝިއާގައި ދިވެހި ބައިބަލާ

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

މެލޭޝިއާ އެސޯސިއޭޝަން އޮފް ދިވެހިސް އިންޓަނޭޝަނަލް (މާޑީ) އިން އިސްނަގައިގެން، ސްޕޯޓްސް މިނިސްޓްރީއާއި، ބައިބަލާ އެސޯސިއޭޝަން އަދި މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާ ގުޅިގެން މެލޭޝިއާގައި ކާމިޔާބު ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު އިންތިޒާމުކޮށް ނިންމާލުމާ ގުޅިގެން، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ވަނީ މާޑީ އަށާއި މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ތައުރީފުކުރައްވާފައެވެ.

ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި، ޤައުމުން ބޭރުގައި ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމުގެ އިތުރުން، ސަގާފީ ޑިޕްލޮމަސީއާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގައި ކުޅިވަރުގެ ދައުރު ފުޅާކުރުމަށް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.

ހައިކޮމިޝަނުން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ދިވެހި ސަގާފީ ތަރިކަ ދިރުވައި، ދެމެހެއްޓެނިވި ގޮތެއްގައި ސަގާފީ ގުޅުންތަކާއި އެކުވެރިކަން އާލާވެގެންދާ ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ކަމަށްވާ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" ޙާޞިލުކުރުމަށް އެޅޭ މުހިންމު ބާރެއް ކަމަށްވެސް ފާހަގަކުރިއެވެ.

މީގެއިތުރުން، މޯލްޑިވްސް ކަލްޗަރަލް ސެންޓަރުން ކުޅިވަރު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސަގާފަތާއި ކުޅިވަރު އެއްފަސްވެގެންދާ ފަދަ ޝާމިލު މާހައުލެއް ޤާއިމުކުރުމަށް އަމާޒު ހިފާފައިވާ ކަމަށާއި، މީގެ ސަބަބުން މުޖުތަމައުގެ އެކުވެރިކަން އިތުރަށް ވަރުގަދަވެ، ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށްވެސް ހައިކޮމިޝަނުން ބަޔާންކޮށްފައިވެއެވެ.