ސްރީ ލަންކާގެ ދެހިވަލާގައި ހުރި ގެއަކަށް ރޭ ފަތިހު ބަޔަކު ދިން އަތުބޮމުގެ ހަމަލާއެއްގައި އެ ގޭގައި ތިބި ދެ ފިރިހެން ކުދިން މަރާލައިފިއެވެ.
ދެހިވަލާއަކީ ގިނަ އަދަދެއްގެ ދިވެހިން އުޅޭ ހިސާބެކެވެ.
ލަންކާގެ މީޑިއާތަކުގަައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމަލާ ދިނީ ދެހިވަލާގެ ކަވްޑާނަ އަވަށުގެ ސިރީސަންގަބޯ މާވައްތާގައި ހުންނަ ގެއަކަށެވެ. އަދި އެ ހަމަލާގައި، އުމުރުން 11 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު މަރާލާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ.
އުމުރުން 11 އަހަރުގެ ކުއްޖާ ދުނިޔެއާ ވަކިވީ ކަލުބޯވިލާ ޓީޗިން ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއް ތެރޭގަައި ކަމަށާއި އޭނާގެ 17 އަހަރުގެ ބޭބެ ވަކިވީ ފަރުވާދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނާ ހަވާލާދީ މީޑިއާގައި ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އަދި މި ހަމަލާގައި އިތުރު ދެ ކުއްޖަކަށް ސީރިއަސް ޒަހަމްތަކެއް ވެފައިވާއިރު މަރާލި ކުދިންގެއުމުރުން 55 އަހަރުގެ ބައްޕައަށްވެސް ސީރިއަސް ޒަހަމްތަކެއް ވެފައިވާ ކަމަށާއި އެ މީހުންނަށް ވެސްހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އެ ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
މި ހަމަލާ ދިނީ ތްރީވީލާއެއްގައި ދިޔަ ބައެއް ކަމަށާއި އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.