ޖަޕާނަށް އިއްޔެ އައި ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދު

ޖަޕާން ބިންހެލުމުގައި 13 މީހަކު މަރުވެއްޖެ

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

ޖަޕާނަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު 13 އަރައިފި އެވެ.

ކަމާބެހޭ އިދާރާތަކުން އަންނަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ބިންހެލުމާ ގުޅިގެން ބައެއް މީހުން ގެއްލިފައިވާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ރިކްޓާ މިންގަނޑުން 7.1 ބާރުމިނުގައި ބިންހެލުމާ ގުޅިގެން އިއްޔެ ސުނާމީގެ އިންޒާރު ވެސް ނެރުމެވެ. މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ހުޅަނގުދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުވީ އެ ސަރަހައްދުގެ މައި ރަަށް ކަމަށްވާ ކިޔޫޝޫގެ ކުމަމޯޓޯ ސަރަހައްދަށެވެ.

މި ބިންހެލުމާ ގުޅިގެން އެ ސަރަހައްދުން ކަރަންޓާއި ގޭހުގެ ހިދުމަތް ވެސް ކެނޑިފައިވެ އެވެ. އެގޮޮތުން 36،900 އަށް ވުރެ ގިނަ ގެތަކުން ކަރަންޓްގެ ހިދުމަތެއް ނެތެވެ.

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުން 9،000 އަށް ވުރެ ގިނަ މީހުން މި ވަގުތު ތިބީ ވަގުތީ ބޯހިޔާވަހިތަކުގަ އެވެ.

ޖަޕާނަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، އެ ގައުމަށް މިދިޔަ މަހުގެ 25 ގައި ރިކްޓާ މިންގަނޑުން 6.9 ބާރު މިނުގެ ބިންހެލުމެއް އަދި އެޕްރީލް 20 ގައި ރިކްޓާ މިންގަނޑުން 7.4 ބާރު މިނުގައި ބިންހެލުމަޖާ ގުޅިގެން ވެސް ސުނާމީގެ އިންޒާރު ނެރުނެވެ.

ދޭތެރެ ދޭތެރެއިން ވަރުގަދަ ބިންހެލުންތައް އަންނަ ޖަޕާނަށް މި ފަހުން ކުރިމަތިވަމުންދާ އިރު، މި ފަހުގެ ތާރީހެއްގައި އެންމެ ވަރުގަދަ ބިންހެލުމެއް އެ ގައުމަށް އައިސްފައި ވަނީ 2011 ގަ އެވެ. އެ އަހަރު މާޗް 11 އައި ރިކްޓާ މިންގަނޑުން 9.1 ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ސުމާނީ އަރައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

އެ ހާދިސާގައި 19،759 މީހުން މަރުވެ، 6،242 މީހުން ޒަހަމްވެ އަދި 2،553 މީހުން ގެއްލިފައިވެ އެވެ.