އިނގިރޭސިވިލާތުގެ ޔޯކްޝަޔާ ވައިލްޑްލައިފް ޕާކުގައި މިނިކާވަގެއް ދިން ހަމަލާއެއްގައި ފިރިހެނަކު މަރުވެއްޖެ ކަމަށް އެ ސަރަހައްދުގެ ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ސައުތު ޔޯކްޝަޔާ ޕޮލިހުން ބުނި ގޮތުގައި، ޑޮންކާސްޓާ ކައިރީގައި އޮންނަ އެ ޕާކުގެ މިނިކާވަގު ބައިތިއްބާފައި ހުންނަ ކޮށިތެރެއަށް މީހަކު ވަދެފައިވާ ކަމުގެ ރިޕޯޓު ލިބުނީ އިނގިރޭސިވިލާތުގެ ގަޑިން މެންދުރުފަހު 13:35 ހާއިރުއެވެ. އެ މީހާ ކޮށިތެރެއަށް ވަނުމާއެކު މިނިކާވަގު އޭނާއަށް ހަމަލާދީފައިވާ ކަމަށާއި، އޭނާ މަރުވީ ހާދިސާ ހިނގި ތަނުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަރުވި މީހާގެ އާއިލާއަށް މިކަން އަންގައި، ފުލުހުންގެ ފަރާތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހާދިސާއާ ގުޅިގެން ޕާކުގެ ތަރުޖަމާނަކު ބުނީ، މިއަދު ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އަދި ޕާކުން ބުނި ގޮތުގައި އެ މީހުން ދަނީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ މަސްލަހަތާއި ޒާތީ ކަންކަމަށް އިހުތިރާމްކުރުމަށް ޕާކުގެ އިދާރާއިން ވަނީ އެދިފައެވެ. އަދި މާދަމާ އެ ޕާކު ބަންދުވާނެ ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މިނިކާވަގަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެ ސޮރު އަދިވެސް އިނީ ކޮށިތެރޭގައި ކަމަށާއި، އާންމުންގެ އެހެން ބަޔަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. ހާދިސާއަށްފަހު ޕާކުގައި ތިބި އާންމުން ވަނީ ރައްކާތެރިކަމާއެކު އެތަނުން ނެރެފައެވެ. މީގެއިތުރުން، މި ހާދިސާއާ ގުޅޭ ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވަމުންދާކަން ފާހަގަކޮށް، އެފަދަ ވީޑިއޯތައް ނުފެތުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ޕާކަށް ޒިޔާރަތްކުރި މީހަކު ބުނި ގޮތުގައި ބަޑީގެ އަޑުފަދަ އަޑުތަކެއް އިވުނު ކަމަށާއި، މަތިން އެއާ އެމްބިއުލާންސެއް ދަތުރުކުރި މަންޒަރު ފެނުނެވެ. އަދި ހާދިސާ ހިނގި ކޮށީގެ މަތީގައި ކަޅު ކުލައިގެ ބޮޑު ތާރުޕޯލިނެއް އަޅާފައި އޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޔޯކްޝަޔާ ވައިލްޑްލައިފް ޕާކު ހުޅުވާފައިވަނީ 2009 ވަނަ އަހަރުއެވެ. އަދި މިނިކާވަގު ގެންގުޅޭ ސަރަހައްދު "ލޭންޑް އޮފް ދަ ޓައިގާސް" ހުޅުވީ 2011 ގައެވެ. ދެ އޭކަރުގެ މި ސަރަހައްދަކީ ދުނިޔެއިން ނެތިދިއުމުގެ ބިރު ހީވެފައިވާ އަމޫރު ވައްތަރުގެ މިނިކާވަގު ދިރިއުޅޭ މާހައުލެކެވެ. ޖަންގަލިތަކުގައި މިހާރު މި ވައްތަރުގެ ދިރިއުޅެނީ ގާތްގަނޑަކަށް 500 އެއްހާ މިނިކާވަގެވެ.