މީގެ 10 އަހަރު ކުރިން މާލޭގައި ހިންގި ސިލްސިލާ މާރާމާރީއެއްގެ ތެރެއިން އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު މަރާލި މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވި ކަމުގެ ދައުވާ އުފުލި މ. ކުރިރުއްގޭ އިރުފާން ރުޝްދީގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްފަހު ނިންމީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އިރުފާންގެ މައްޗަށް ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވި ކަމުގެ ދައުވާ ސާބިތުވާ ވަރަށް ހެކި ހުށަހެޅިފައި ނުވާ ކަމަށެވެ.
މިއީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކޯޓުން އާންމުކޮށް ހާމަކޮށްފައެއް ނުވެ އެވެ. އެހެންކަމުން ކޯޓުން އެ ނިންމުމަށް ވާސިލުވި ސަރީހަ ސަބަބުތަކުގެ ތަފްސީލު ލިބޭ ގޮތެއް ނުވެ އެވެ.
މި މައްސަލައިގައި ދައުވާ ލިބޭ އިރުފާން ފިލައިގެން އުޅޭތާ ގިނަ އަހަރުތަކެއް ވުމަށްފަހު އޭނާ ފެނުނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ.
އޭނާ ހޯދަން ރިޔާސީ ކޮމިޝަނުން އިއުލާނު ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް، އޭނާ ހައްޔަރުކުރެވުނީ ގދ. ތިނަދޫން ފުރައިގެން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ކާޑެއްދުއާ 12 މޭލު ބޭރުން އިންޖީނު ހުއްޓި ހާލުގައިޖެހުނު ލޯންޗަކުންނެވެ. އޭނާ އަތުލައިގަނެވުނީ ލޯންޗުގައި ތިބި މީހުންގެ މައުލޫމާތު ފުލުހުން ސާފުކުރުމުގެ ތެރޭގަ އެވެ. އެއަށްފަހު ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނު ކުރީ ޖޫން 2016 ގަ އެވެ. ނަމަވެސް، އިމިގްރޭޝަންގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް އެނބުރި އައިސްފައެއް ނުވެ އެވެ. އެހެންނަމަވެސް، 2016 ގައި މާރާމާރީ ހިންގި ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖުން އޭނާ ފެންނަން ހުރި ކަމަށް މަރުތަކާ ބެހޭ ރިޔާސީ ކޮމިޝަނުން ބުނެފައިވާތީ، އޭނާ ރާއްޖޭގައި އުޅުނު ގޮތަކާމެދު އޭރު ކަމާބެހޭ އިދާރާތަކުގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދުނެވެ.
މި ހާދިސާއަކީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މާލޭގައި ދެ ގްރޫޕެއްގެ މެދުގައި ހިންގި ނުރައްކާތެރި ސިލްސިލާ މާރާމާރީއެކެވެ. އެ މާރާމާރީގެ ތެރޭގައި އެންމެ ފުރަތަމަ ކަރަށް ވަޅި ހެރުމުގެ ސަބަބުން ކ. ކާށިދޫ، އަހްމަދު އިރުޝާން މަރުވި އެވެ. އަދި އޭގެ އެންމެ ތިން ގަޑިއިރު ފަހުން، އިރުޝާންގެ މަރާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ހިންގި މާރާމާރީގައި އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދުގެ ބުރަކައްޓަށް ވަޅިހަރައި އޭނާ މަރާލި އެވެ.
ފުލުހުން އޭރު ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މަރުވި ދެ ކުދިންނަކީވެސް އެ މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި ދެ ކުދިންނެވެ. މާލޭގައި ގްރޫޕްތަކުގެ މެދުގައި ހިންގާ މިފަދަ މާރާމާރީތަކާއި، ކުޑަކުދިން ކުށްތަކަށް އަހުލުވެރިކުރުވައި ބޭނުންކުރުމުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ އިޖުތިމާއީ އަދި ޖިނާއީ ބޮޑު މައްސަލައެކެވެ.