ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުއަޑިން ނެގުން

ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ކަނޑުއަޑިން ނަގައިފި

މުހައްމަދު ހަމީޒް
 
16 ގަޑިއިރު ކުރިން

ވ. އަތޮޅު އަލިމަތިމާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ކޭވްއަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ފަސް ދުވަސް ކުރިން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި މޫދު އަޑިން ފެންމައްޗަށް ނަގައިފި އެވެ.

ހާދިސާ ހިނގި ބުރާސްފަތި ދުވަހު އެ ގްރޫޕްގެ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ހޮހަޅައިގެ އެންމެ ފުނުން ލޮކޭޓް ކުރެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދު ކާމިޔާބުކަމާއެކު ވަނީ ނަގާފަ އެވެ. ބާކީ އޮތް އަނެއް ދެ ހަށިގަނޑު ކަނޑުއަޑިން ނެގުމުގެ މަސައްކަތް ރިކަވަރީ މިޝަނުން ކުރިއަށް ގެންދާނީ މާދަމާގެ ވަގުތެއްގަ އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ޖަވިޔަނި ނޫހަށް ވިދާޅުވީ ދެ މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ. އަދި ނަގާފައިވަނީ އަންހެނަކާއި ފިރިހެނެއްގެ ހަށިގަނޑުކަމަށް މުންދު ވަނީ ވިދާޅުވެފަ އެވެ. މުންދު ވިދާޅުވީ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ފިރިހެނެއް ކަމުން ނެގުނު ފިރިހެން މީހާ އަކީ ކާކުކަން ދެނެގަނެވޭ ކަމަށާއި ނަމަވެސް އަންހެން މީހާ އަކީ ކާކުކަން އަދި ދެނެ ނުގަނެވޭ ކަަމަށެވެ.

މުންދު ވިދާޅުވީ ހަށިގަނޑުތައް ކޭވްގެ ތެރެއިން ނެރުނީ ބޭރުގެ ޑައިވަރުން ކަމަށާއި 30 މީޓަރާ ހަމައިން ހަށިގަނޑުތަކާ އެމްއެންޑީއެފްގެ ޑައިވަރުން ހަވާލުވި ކަމަށެވެ. އަދި 7 މީޓަރާ ހަމައިން ފުލުހުންގެ ޑައިވަރުން ހަށިގަނޑުތަކާ ހަވާލުވެ ފެނުން މައްޗަށް ނެގިކަމަށް މުންދު ވިދާޅުވި އެވެ. 2 ހަށިގަނޑުވެސް އަރުވާފައިވަނީ ފުލުހުންގެ އުޅަނދަކަށެވެ.

މި ނުރައްކާތެރި އަދި ބޮޑު ރިކަވަރީ އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ހާމަކޮށްފައިވާ ގޮތުގައި، ގެއްލުނު ޑައިވަރުން ހޮހަޅައިގެ ތެރެއިން ލޮކޭޓް ކުރެވުނީ މިފަދަ ކަންކަމަށް ހާއްސަ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ފިންލެންޑުގެ އެންމެ ތަޖުރިބާކާރު ތިން ޑައިވަރުން އިއްޔެ ކުރި ތިން ގަޑިއިރުގެ ދިގު ޑައިވްއަކަށް ފަހުގަ އެވެ.

އެމްއެންޑީއެފުން އިއްޔެ ބުނެފައިވަނީ ހަތަރު މީހުންގެ ހަށިގަނޑު ވެސް ފެނިފައިވަނީ އެމީހުން ފީނި ހޮހަޅައިގެ އެންމެ އަޑިން ކަމަށެވެ. މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، ދިވެހި ފުލުހުންގެ ހިދުމަތް އަދި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ހާއްސަ ޑައިވަރުންގެ ޓީމު ގުޅިގެން އިއްޔެ މެންދުރުފަހު ހިންގި ވަރުގަދަ ހަރަކާތެކެވެ. ރިކަވަރީ މިޝަނުން ރާވާފައިވަނީ އޮޕަރޭޝަނުގެ ރައްކާތެރިކަމަށްޓަކައި މިއަދާއި މާދަމާ، ކޮންމެ ދުވަހަކު ދެ ހަށިގަނޑު ބޭރަށް ނެގުމަށެވެ.

މި ހިތާމަވެރި ހާދިސާގެ ތެރެއިން ދިވެހި ގައުމަށް އިތުރު ހިތްދަތިކަމެއް ލިބުނީ، މިދިޔަ ހޮނިހިރު ދުވަހު މި އޮޕަރޭޝަނުގައި އަމަލީ ގޮތުން އުޅުއްވި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ ޑައިވް ކުރަނިކޮށް ނިޔާވުމާ ގުޅިގެންނެވެ. މަހުދީގެ ވަކިވުމާއެކު އޮޕަރޭޝަން ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ބޭރުގެ މާހިރުންނާއެކު އަލުން މަސައްކަތް ފެށީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ވ. އަލިމަތިމާ ކައިރީގައި އޮތް މި ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ގޮވައިގެން ދިޔަ ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ހަމަ އެދުވަހު ފެނުނީ ކަނޑުގެ 60 މީޓަރު (197 ފޫޓު) އަޑިން، ހޮހަޅައިގެ އެތެރެއިން ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.