ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރެއް މަރުވެއްޖެއެވެ.
އެގިފައިވާ ގޮތުން މި ޑައިވަރު މަރުވެފައިވަނީ ހާލު ދެރަވެގެން ފަރުވާދެމުން ދަނިކޮށްށެވެ.
ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.
އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. "ހައި ރިސްކު" އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި 8 ޑައިވަރުން ބައިވެރިވިއެވެ.
އެމްއެންޑީއެފުން މިއަދު ވިދާޅުވީ، މި އޮޕަރޭޝަނުގައި މިއަދު ޑައިވް ކުރި، ސައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭވްއެއްގެ ތެރެއިން ފެނުނު މީހާއަކީ އެމީހުންނާއި އެކީ ރާއްޖެ އައިސް އުޅުނު އިންސްޓްރަކްޓަރެކެވެ. އެމީހުން ފައިބާފައިވާ ކޭވްއަކީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓޫ ހުންނަ ކޭވްއެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
ތަފްސީލް އަންނަނީ....