ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން

ހުވަދޫ ކަނޑަށް ގެއްލުނު މީހުން ހޯދަން އެމެރިކާ ނޭވީގެ ބޯޓެއް ހަރަކާތްތެރިވާން ފަށައިފި

މުހައްމަދު ހަމީޒް
 
9 ގަޑިއިރު ކުރިން

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށްދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި އެމެރިކާގެ ނޭވީ މަތިންދާބޯޓަކުން ހުވަދޫ ކަނޑުގެ ސަރަހައްދު ބަލައި ފާސްކުރަން ފަށައިފި އެވެ. މި އޮޕަރޭޝަންގައި ބައިވެރިވަމުންދަނީ އެމެރިކާ ނޭވީގެ ބޮއިން P-8A ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) މައުލޫމާތު ދެއްވި ގޮތުގައި، ގެއްލުނު މީހުން ހޯދުމަށް ފޮރިން މިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން އެމެރިކާގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ. އެގޮތުން އެމެރިކާ ނޭވީގެ މި އުޅަނދުން ސާޗު އޮޕަރޭޝަން މިއަދު މެންދުރު ފަހު 1:45 ގައި ފަށާފައިވާއިރު، މި ހަރަކާތް ކުރިއަށް އޮތް ފަސް ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ފްލައިޓްރާޑާގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި މި ބޯޓު ދަތުރުކޮށްފައިވަނީ ހާދިސާ ހިނގި ސަރަހައްދުގެ 1،500 ފޫޓު މަތިންނެވެ.


މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ "ފްރެންޑް 4" ނަމަކަށް ކިޔާ އެ ސަޕްލައި ދޯންޏަށް ރާޅެއް އަރައި ދިޔަވާން ފެށުމުން، ދޯނި ސަލާމަތްކުރުމަށް އެމްއެންޑީއެފާއި ފުލުހުން ދިޔައީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް، ދިޔަ ހިއްކަން މަސައްކަތް ކުރަމުން ދަނިކޮށް ދޯނި އަޑިއަށް ދިޔައީ ސިފައިންގެ ބޭކަލަކާއި ފުލުހަކާއި އަދި ދޯނީގެ ކައްޕި އާއެކުގަ އެވެ. މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި، ފުލުހެއް ކަމަށްވާ އަލީ ނާފިއުގެ އިތުރުން ދޯނީގެ ކައްޕި މުހައްމަދު ހަމްދޫނެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ ދޯނި ބަންޑުން ޖަހާލާފައިވަނީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުންނެވެ. އެ ސަރަހައްދުގެ ފުންމިނުގައި ގާތްގަނޑަކަށް 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް ލަފާކުރެވޭއިރު، މިހާތަނަށް ކުރި އެއްވެސް މަސައްކަތަކުން އަޑިއަށްދިޔަ ދޯނި ނުވަތަ ގެއްލުނު އެއްވެސް މީހަކު ފެނިފައެއް ނުވެ އެވެ. ދޯނީގައި ދަތުރުކުރި އަށް މީހުންގެ ތެރެއިން ހަތް ބިދޭސީން ވަނީ ހާދިސާ ހިނގި ވަގުތު ސަލާމަތްވެފަ އެވެ.