ހަނގުރާމައިގެ ހަމަލާތައް މެދުކެނޑިފައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ވޭތުވެދިޔަ ހަފުތާތަކުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކާއެކު އެމެރިކާ އަދި އީރާނުން އަނެއްކާވެސް ހަނގުރާމައިގެ ހާލަތަކަށް ރުޖޫޢަވެއްޖެއެވެ. ވޮޝިންޓަނުން މިއަށްވުރެ ގެއްލުން ބޮޑު ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ދެމުންދާއިރު، އީރާނުގެ ކައިވެނި ހަފުލާއަކަށް އަމާޒުވި ހަމަލާއެއްގައި އާންމުންގެ ފަސް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އީރާނުން ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހު ވަނީ އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ އެއާ ޑިފެންސް ސައިޓުތަކާއި، ރާޑަރު ސިސްޓަމްތަކާއި، މެރިޓައިމް ވަސީލަތްތަކާއި މައިން އަޅާ ވަސީލަތްތައް އަދި މުވާސަލާތީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ހޮރްމޫޒް ކަނޑުއޮޅި ކައިރީގައިވާ ސަރަހައްދުތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ރައްދުގައި އީރާނުން ވަނީ އުރުދުން އަދި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. އަދި ބަހުރައިނަށް ވެސް ހަމަލާތަކެއް ދީފައިވާ ކަމަށް އީރާނުގެ މީޑިއާތަކުން ބުނެއެވެ. އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެގައުމުގެ ވައިގެ ސަރަހައްދަށް ވަން 13 ބެލިސްޓިކް މިސައިލްގެ ތެރެއިން 10 މިސައިލް ވަނީ ވައްޓާލާފައެވެ. ނަމަވެސް، އެމެރިކާގެ ސިފައިން މަރުވި ކަމަށް އީރާނުން ބުނި ނަމަވެސް އެމެރިކާގެ އޮފިޝަލުން އެކަން ދޮގުކުރެއެވެ.
އީރާނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ހޮރްމޫޒް ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދެއް ކަމަށްވާ ސިރިކް ކައިރީގައި އޮތް ކައިވެނި ހަފުލާއަކަށް ދިން ހަމަލާގައި ފަސް މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންގެ ތެރޭގައި ހަތަރު އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް މެހްރް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާގެ ރަސްމީ އިދާރާތަކުން އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނީ، "މި އަނިޔާވެރިކަމަކީ މީގެ ކުރިން ހިންގާފައިވާ ޖަރީމާތަކާ ވަކިކުރެވޭނެ ކަމެއް ނޫން،" ކަމަށާއި އީރާނުން މިކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ހިމޭނުން ތިބޭ ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް އީރާނުން ވަނީ އިންޒާރު ދީފައެވެ.
މިދިޔަ ޖުލައި މަހަށްފަހު ފެށުނު މި ވަރުގަދަ ކުރިމަތިލުންތަކުގެ ސަބަބުން ދެ ގައުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާގެ އަތްދަށުގައި އޮތުމުން މިހާރު އެމެރިކާ އޮތް މަގާމާމެދު ހިތްހަމަޖެހޭ ކަމަށާއި އީރާނުގެ އިގްތިސާދު މުޅިން އިނދަޖެހެމުންދާ ކަމަށެވެ.