ރައީސް ޑރ. މުހައްމަދު މުއިއްޒު | ފޮޓޯ: ރައީސް އޮފީސް

އެމެރިކާއާއެކު އޮންނަ ގުޅުމަށް ވަރަށް ބޮޑަށް އަހަންމިއްޔަތުކަންދޭ

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރޭ މުނާސަބަތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެ ޤައުމުގެ ސަރުކާރަށާއި ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގަ އެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި، ރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތު ވެސް މި އަހަރާ ދިމާވުމާއެކު، މިއީ ދެ ގައުމަށްވެސް ވަރަށް ޚާއްސަ އަހަރެއްކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

އަދި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން މެދުކެނޑުމެއްނެތި ހަރުދަނާވެފައިވަނީ، އެއް ބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރުމާއި ދެމެހެއްޓެނިވި ރަޙުމަތްތެރިކަމާއި ސުލްޙައާއި ތަނަވަސްކަން ކުރިއެރުވުމަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމެރިކާއާއެކު އޮންނަ ގުޅުމަށް ރާއްޖެއިން ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭ ކަމަށާއި ސަލާމަތާއި ދިފާއީ ރޮނގުންނާއި ވިޔަފާރި އާއި އިގްތިސާދީ ތަރައްގީ އާއި ތައުލީމީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުން ފަދަ، ދެ ގައުމުގެ މަސްލަހަތު ހިމެނޭ، ދާއިރާތަކުން ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުންމަތީ ދެމިއޮންނާނެކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެ އެވެ.

ރައީސްގެ ސިޓީފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ، އަދި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ރަޙުމަތްތެރިކަމާއި އެއްބާރުލުންދިނުމުގެ ގުޅުން އިތުރަށް ފުޅާކުރުމަށް އެމެރިކާގެ ރައީސް ޓްރަމްޕާއެކު ގާތުން މަސައްކަތްކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ.