އެމެރިކާ އާއި އީރާން ހަނގުރާމަ ނިންމުމަށް އެއްބަސްވި މުއްދަތު ހަމަވެއްޖެ

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނެސް، ޞުލްޙައިގެ ދާއިމީ އެއްބަސްވުމެއް އެކުލަވައިލުމަށް ދެ ފަރާތުން ސޮއިކުރި 60 ދުވަހުގެ އިބުތިދާއީ އެއްބަސްވުމުގެ މުއްދަތު ހަމަވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދީފައިވާ 60 ދުވަހުގެ މުއްދަތު އޮގަސްޓު 17 ވަނަ ދުވަހު ހަމަވެފައިވާއިރު، ހަނގުރާމައިގެ އެއްވެސް ލަނޑުދަނޑިއެއް އެމެރިކާއަށާއި ޔަހޫދީންނަށް ހާސިލުވެފައި ނުވާ ކަމުގައި އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ވިދާޅުވިއެވެ. 

ވޭތުވެދިޔަ ހަފުތާތަކުގައި ދެ ފަރާތުން އެއްބަސްވުމާ ޚިލާފުވި ކަމަށް ތުހުމަތުކޮށް ހަމަލާތައް ބަދަލުކުރި ނަމަވެސް، މި އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް ފެންނަން ނެތް ކަމުގައި މަސްރަޙުގެ ދާރިސުން ބުނެއެވެ.

ގަލްފުގެ ވިޔަފާރިއަށާއި ތެލުގެ އެކްސްޕޯޓަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދިޔަ މި ހަނގުރާމައަށްފަހު، ޕާކިސްތާނުގެ އެހީތެރިކަމާއެކު އެކުލަވައިލި 14 ނުކުތާގެ އިބުތިދާއީ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ސޮއިކުރެއްވީ ޖޫން 17 ގައެވެ. 

މި އެއްބަސްވުމުގައި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން އެ ޤައުމުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް ބޭއްވުން ހިމަނާފައިވެއެވެ. ނަމަވެސް، ކަނޑުއޮޅީގެ މައްސަލައިގައި އަލުން ހަމަލާތައް ފެށުމާއެކު، އެއްބަސްވުން "ނިމުމަކަށް" އައިސްފައިވާ ކަމުގައި ޖުލައި 8 ވަނަ ދުވަހު ޓްރަމްޕް އިޢުލާނު ކުރެއްވިއެވެ.

އީރާނަށް އިޤުތިޞާދީ ގޮތުން ގެއްލުން ދިނުމަކީ މި ވަގުތު އެމެރިކާގެ މައި އިސްތިރާޖު ކަމުގައި ޓްރަމްޕް ވިދާޅުވެފައިވާއިރު، އެމެރިކާއާއެކު އަލުން މަޝްވަރާކުރުމާމެދު ގޮތެއް ނުނިންމާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވިއެވެ. އަދި، ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމަށް ޓްރަމްޕް ދެއްވި އިންޒާރަށް ރައްދުދެއްވައި، އެއީ މީސްމީޑިއާގައި ޝާއިޢުކޮށްލާ ޓްވީޓަކުން ނުވަތަ ޕޯސްޓަކުން ކުރެވޭނެ ކަމެއް ނޫން ކަމުގައި ޢަރާޤިޖީ ވިދާޅުވިއެވެ. 

މި ހަނގުރާމައާ ގުޅިގެން، ޔަމަނުގެ އަސްކަރިއްޔާއާއި އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތާ ދެމެދު ވެސް ވަނީ ހަމަލާ ބަދަލުކުރަން ފަށާފައެވެ. އަދި، ޔަހޫދީންގެ ނިރުބަވެރި ސިފައިން ދަނީ ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ނިރުބަވެރި ޢުދުވާނީ ހަމަލާތައް ފުޅާކުރަމުންނެވެ.

ޤާލިބާފް ވިދާޅުވީ، ހަނގުރާމައިގައި އީރާނަށް ނަޞްރު ލިބިފައިވާ ކަމަށް ޤަބޫލުކުރައްވާ ކަމުގައެވެ. އަދި، މިއީ އެމެރިކާއާއި ޞިހްޔޫނީންނަށް ކުރިމަތިވި "ކަނޑައެޅިގެން އެންމެ ބޮޑު ނާކާމިޔާބީ" ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. 

ހަނގުރާމައިގެ މައިގަނޑު ލަނޑުދަނޑިތަކުގެ ގޮތުގައި ޓްރަމްޕް މީގެ ކުރިން އެތައް ކަމެއް ފާހަގަކުރައްވާފައިވެއެވެ. މީގެ ތެރޭގައި އީރާންގެ އަސްކަރިއްޔާ ބަލިކަށިކޮށް، ނައްތައިލުމާއި، ވެރިކަން ވައްޓައިލުމާއި، ނިއުކްލިޔަރ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، ސަރަޙައްދީ ޖަމާޢަތްތަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުން ހިމެނެއެވެ. ނަމަވެސް، މިއިން އެއްވެސް ލަނޑުދަނޑިއެއް ހާސިލުކުރެވިފައިވާ ކަމާމެދު މަސްރަޙުގެ ދާރިސުން ސުވާލު އުފައްދައެވެ.