ސައުދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާން

އިރާނުން އަރަބި ގައުމުތަކަށް ހަމަލާ ދިނުން ސައުދީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

އިރާނުން އަރަބި ގައުމުތަކުގެ ސިޔާދަތަށް އަރައިގަނެ، ހިންގަމުންދާ އުދުވާނީ އަމަލުތައް ސައުދީ އަރަބިއްޔާއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ސައުދީން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރޭން، ގަތަރު، ކުވެއިތު އަދި އުރުދުންގެ އިސްތިގުލާލަށް އިރާނުން އަރައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަވަށްޓެރި އަދި އުޚުއްވަތްތެރި ގައުމުތަކާއެކު ސައުދީން ފުރިހަމައަށް ސާބިތުވެ އޮތްކަމަށެވެ. އަދި އެ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކަށް އެހީތެރިވުމަށް ސައުދީގެ ހުރިހާ ވަސީލަތްތަކާއި ގާބިލުކަން ބޭނުންކުރަން ތައްޔާރަށް އޮތް ކަމަށްވެސް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދައުލަތްތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި ސައުދީން އެ ގައުމުތަކަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައި، އިރާނުގެ މި އަމަލުތައް ކުށްވެރިކުރުމަށާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ބުރޫއަރާ ފަދަ އަމަލުތައް ހުއްޓުވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކޮށްފައެވެ.