މުންދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

މިހާތަނަށް 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފި

މުހައްމަދު ހަމީޒް
 
8 ގަޑިއިރު ކުރިން

ސަރުކާރުން މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކޮށްފައިވާކަން ރައީސްގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ހާމަކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާއަށް ތަރުޖަމާން މުުންދު ވިދާޅުވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ހަތަރު މަގާމެއްގައި ތިބި 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުންކަމަަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު ފާހަގަކުރެއްވިގޮތުގައި ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައި ވަނީ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ،". މުންދު ވިދާޅުވިއެވެ.

މިހާރުވެސް އެސްއޯއީތައް ރައިޓްސައިޒު ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ހުރިހާ އެސްއޯއީތަކެއް ރައިޓްސައިޒުކޮށް ނިމޭއިރު، މި ސަރުކާރުން ވަޒީފާތަކަށް ނެގި މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެ ކަަމަށެވެ.