ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ, ޕީއެސްއެމްގެ ނޫސްވެރިޔާ އަހްމަދު ސާއިދުގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެގެން ފަރުވާ ހޯދަމުން އަންނަ ފަރާތެކެވެ.
ސާއިދުގެ އާއިލާއިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އާދައިގެ މަތިން ސާއިދު ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔަތަނުން މާބޮޑަށް ހާލު ދެރަވެގެން އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށެވެ. އަދި މިހާރު ޑޮކްޓަރުން އޭނާއާ ދޭތެރޭ އުއްމީދު ކަނޑާލާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
"އޭނާ ދާނެ ކޮންމެ ދުވަހަކު ޑައިލިސިސް ހަދަން، މިއަދުވެސް ޑައިލިސިސްއަށް ގޮސް ހުއްޓާ ހާލުދެރަވެގެން އައިސީގައި މިހާރު އޮތީ. އުއްމީދު ކަނޑާލާފައިވާ ކަމަށް ޑޮކްޓަރުން ބުނަނީ." ސާއިދުގެ އާއިލާއިން ބުންޏެވެ.
އައިޖީއެމްއެޗުގައި ސާއިދުއަށް އަދިވެސް އަވަސް ފަރުވާ ދެމުންދާއިރު އޭނާގެ ބައްޕަ ނޫނީ އާއިލާގެ އެންމެން ތިބީ މާލޭގައެވެ.
ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާގެ ބޭސްފަރުވާއަށް އެތައް ފަހަރެއްގެ މަތިން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އޭނާ ދަނީ ފަރުވާ ހޯދަމުންނެވެ. ދެދުވަހުން އެއްދުވަހު އޭނާ ޑައިލިސިސް ހަދަން ޖެހެއެވެ.
ސަންއެފްއެމް އިން 2009 ގައި ނޫސްވެރިކަމުގެ ދާއިރާ އަށް ނުކުތް ސާއިދު ޕީއެސްއެމްއާ ގުޅުނީ 2015 ގަ އެވެ. ފުޓްބޯޅަ ކޮމެންޓްރީ ދިނުމުގެ އިތުރުން އޭނާ އަންނަނީ ކުޅިވަރު ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށް ޕްރެޒެންޓް ވެސް ކުރަމުންނެވެ.