ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށައިފި

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ކ. ކާށިދޫ ސިއްޙީ މަރުކަޒުގައި އަލަށް ތަޢާރަފުކުރި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިކަމަށްޓަކައި ކާށިދޫ ސިއްޙީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން، މި ދައުރުގައި ފިޒިއޮތެރަޕީގެ ޚިދުމަތް އަލަށް ތަޢާރަފުކުރި 5 މަރުކަޒުގެ ތެރޭގައި ކާށިދޫ ސިއްޙީ މަރުކަޒު ހިމެނެ އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި ކާށިދޫއަކީ ފިޒިއޮތެރަޕީގެ ޚިދުމަތަށް ނުހަނު ބޭނުންޖެހިފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއް ކަމަށާއި މީގެކުރިން އެ ރަށުގައި މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެކި ބަލިތަކަށް ފަރުވާ ހޯދަންޖެހޭ ފަރާތްތަކުން ޖެހެނީ ކަނޑު ހުރަސްކޮށް މާލެއަށް ދަތުރުކުރުމަށް ކަމަށެވެ.

މީގެ ސަބަބުން ދަތުރުފަތުރަށް ބޮޑު ޚަރަދެއް ހިނގުމުގެ އިތުރުން، ވިއްސާރަ އަދި ކަނޑުގަދަ ދުވަސްވަރު އެ ދަތުރުތައް ކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަލަށް ފެށުނު މި ޚިދުމަތާއެކު، އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު މި ފަރުވާ ލިބިގެންދާނެ ކަމަށާއި މިއީ އެ ރަށުގެ ސިއްޙީ ނިޒާމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.