ރާއްޖެއިން މުޅިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައި އޮތް ހިމަބިހި (މީސަލްސް) އަލުން ފެތުރެން ފަށައި، މި ސަރަހައްދުން އެންމެ ބާރަށް ބަލި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ. މީގެ ނުވަ އަހަރު ކުރިން ރާއްޖެއިން ނައްތާލި މި ބަލި އަލުން ފެންނަން ފެށީ މިދިޔަ މަހުގެ ކުރީކޮޅު ކަމަށްވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 72 އަށް އަރާފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އެންމެ ގިނައިން ފެތުރެނީ ބަންގްލަދޭޝްގަ އެވެ. ދެވަނައަށް އިންޑިއާ އޮތްއިރު، ރާއްޖެ މިހާރު އޮތީ ތިންވަނައިގަ އެވެ. މިއީ ބަލި ނައްތާލި ފަހުން ރާއްޖެއިން މިހާ ގިނަ އަދަދަކަށް ކޭސްތައް ފެނުނު ފުރަތަމަ ފަހަރެވެ. ސްރީ ލަންކާ އާއި ނޭޕާލް ފަދަ ގައުމުތަކުގައި ބަލި ފެތުރޭ މިންވަރު ރާއްޖެއަށްވުރެ މާ ދަށެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ، ބަލި ފެތުރެން މެދުވެރިވާ މައިގަނޑު ސަބަބަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުން ގިނަވުމެވެ. ޚާއްސަކޮށް އުމުރުން 14-20 އަހަރުގެ ގިނަ ބަޔަކު ވެކްސިން ފުރިހަމަ ނުކޮށް ތިބިކަން އޭނާ ފާހަގަކުރެއްވި އެވެ. "ހިމަބިހި އެތެރެވީމާ ފެތުރެނީ މިހެންވެ. އެއީ 2 ޑޯޒް ހަމަނުވާ ފަރާތްތައް،" ފައިސަލް ވިދާޅުވި އެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ފިޔަވައި ދެން ތިބީ ގިނައިން ޒުވާނުންނެވެ.
ޑޮކްޓަރު އިތުރަށް ލަފާދެއްވީ ރާއްޖެއަށް އަންނަ ބިދޭސީންނަށް ވިސާ ދިނުމުގެ ކުރިން ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބަލަން ޖެހޭ ކަމަށެވެ. މި އަހަރު އެންމެ ފުރަތަމަ ބަލި ފެނުނީ ވެސް ރާއްޖޭން ބޭރުން އައި ބައެއްގެ ފަރާތުންނެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އުމުރުން 15-35 އަހަރުގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ސިއްހީ މާހިރުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ރޯގާ ޖެހުން، ކެއްސުން، ލޯ ރަތްވުން އަދި ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. މި ބައްޔަކީ ވައިގެ ޒަރީއާއިންނާއި، ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު މޫނުގައި އަތްލުމުން ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފަ އެވެ.
އެޗްޕީއޭ އިން އިތުރަށް ބުނީ، ބަލީގެ އަލާމާތް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށެވެ. އަދި ޓެސްޓް ހަދައިފި ނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.