އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރު

ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކެއް

މުހައްމަދު ހަމީޒް
 
6 މަސް ކުރިން

މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގައި ޗައިލްޑް ހެލްތު ކްލިނިކްގެ ޚިދުމަތްތައް ފަށައިފިއެވެ.

މި ކްލިނިކުން ކުޑަކުދިންގެ ޞިއްޙަތާ ގުޅުންހުރި މުހިންމު ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިޓަމިން އޭ އަދި ފަނި ބޭސް ދިނުމުގެ ޚިދުމަތް އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 15:30 އަށް ލިބޭނެއެވެ. އަދި ކުދިންގެ ހެދިބޮޑުވުން ބެލުމަށްޓަކައި ކުރިއަށްގެންދާ ގްރޯތު މޮނިޓަރިންގ ޚިދުމަތް ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 14:00 އަށް ލިބޭނެއެވެ.

ކުޑަކުދިންގެ ވެކްސިން ދިނުމުގެ އިންތިޒާމުތައްވެސް މި ސެންޓަރުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޗައިލްޑް ވެކްސިނޭޝަން ޚިދުމަތް އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 08:30 އިން ހަވީރު 15:30 އަށް ދިނުމަށް ހަމަޖެހިފައިވާއިރު، ހޯމަ އަދި ބުރާސްފަތި ދުވަހު މި ޚިދުމަތް ދޭނީ ހެނދުނު 08:30 އިން މެންދުރު 12:00 އަށެވެ.

މި ސެންޓަރުގެ ޚިދުމަތްތައް މައިގަނޑު ގޮތެއްގައި ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އޭގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހަކަމާއެކު ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކޭނެ އިންތިޒާމުތައްވެސް މި މަރުކަޒުން ފޯރުކޮށްދެއެވެ.

ބަލިތަކުން ރައްކާތެރިވުމާއި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ އެކި ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.