ދުންފަތާ ދިވެހިން ދުރުކުރަން މި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން ސިނގިރޭޓުން ބޮޑުކުރި ޑިއުޓީ ދެ ގުނަ ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ދުންފަތުގެ އިމްޕޯޓް ޑިއުޓީ އަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގަ އެވެ. އެ ފަހަރު ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ 3.30ރ. އިން 8ރ. އަށް ބޮޑުކޮށްފަ އެވެ. ނަމަވެސް މިހާރު ހުށަހެޅީ ޑިއުޓީ 4ރ. އަށް ދަށްކުރުމަށެވެ.
އެގޮތުން ސަރުކާރު ފަރާތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު އިބްރާހީމެވެ.
މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފަ އެވެ. އެކަމަކު މިއަދުގެ ޖަލްސާ އަށް ބިލުގެ ބަހުސް ތާވަލުކޮށްފައެއް ނެތެވެ.
ސިނގިރެޓުން ނަގާ ޑިއުޓީ ކުޑަކުރަން ހުށަހެޅި މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް ބާރުއެޅުމާއި، ދިވެހިރާއްޖޭގެ ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮ މިސްރާބަކަށް ބަދަލުކުރުމަށްޓަކައި އިގުތިޞާދީ ގޮތުން މަގުފަހިކޮށް ދިނުން ކަމަށެވެ.
އެގޮތުން އެ ސިޔާސަތުގެ ދަށުން، ސިނގިރޭޓާއި ބިޑީގެ އިތުރުން ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާ އަށް ބަދަލުކޮށް، އޭގެ އެޑްވެލޮރަމް ޑިއުޓީ 30 ޕަސެންޓަށް ކަނޑައެޅުމަށް ހުށަހަޅާފައިވެ އެވެ.
މި އިސްލާހުގައިވާ އަނެއް ބަދަލަކީ ދުންފަތުގެ ނުރައްކާތެރި އާދައިން ދުރުވުމަށްޓަކައި އާންމުން ބޭނުންކުރާ ސިއްހީ ވަސީލަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗް ފަދަ ތަކެތި ބާޒާރުން ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލުމަށް އެހީތެރިވެދޭ މިފަދަ ހުރިހާ ބާވަތްތަކަކުން ނަގާ އިމްޕޯޓް ޑިއުޓީ މައާފުކޮށް، ސިއްހީ ގޮތުން ފައިދާހުރި މިފަދަ އުފެއްދުންތަކަށް އާންމުންނަށް ކުރަންޖެހޭ ހޭދަ ކުޑަކޮށްދިނުމަކީ މި ގާނޫނީ ބަދަލުގެ އެންމެ މުހިންމު މަގުސަދު ކަމަށް ބުނެފައިވެ އެވެ.