ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ސިއްޙީ ޚިދުމަތްދޭ ތަންތަން ބިނާކުރުމަށް އެކި ކުންފުނިތަކާ ޙަވާލުކުރި މަޝްރޫޢުތައް ކުރިއަށް ނުގެންދެވި އެއްބަސްވުންތައް ބާޠިލުކުރަން ޖެހުމުގެ ސަބަބުން 60 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޢަދަދެއް ބޭކާރުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވެއްޖެއެވެ.
ޝަރީފު ވިދާޅުވީ ކެލާ ސިއްޙީ މަރުކަޒުގެ މަސައްކަތް ކުރީ ސަރުކާރުން ޙަވާލުކުރީ ބާޒާރުގައި ހެޔޮ އަގެއްގައި އެ މަސައްކަތް ކުރެވެން އޮއްވައި މާ ބޮޑު އަގެއްގައި ކަމަށެވެ.
މިނިސްޓަރު ގީލާ ވިދާޅުވީ ކުރީގެ ސަރުކާރުން މަސައްކަތް ޙަވާލުކުރި ބައެއް ކުންފުނިތަކުން ޢަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމުން އެ އެއްބަސްވުންތައް ބާޠިލުކޮށް އައު ބަޔަކާ ޙަވާލުކުރަން މަޖުބޫރުވި ކަމަށެވެ. ގީލާ ވިދާޅުވި ގޮތުގައި ގިނަ މަޝްރޫޢުތަކެއް ބާޠިލުކުރަން ޖެހުނީ ކެލާ ސިއްޙީ މަރުކަޒުގެ މަޝްރޫޢާ އެއްފަދަ ސަބަބުތަކާ ހެދިއެވެ.
އެހެން މެންބަރެއްގެ ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ.
ސިއްޙީ ދާއިރާގެ ޢުމްރާނީ މަޝްރޫޢުތައް ހުއްޓިފައި ހުރުމުގެ ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫޢުތައް އަލުން ފެށޭނެ ދުވަހެއް ސާފުކުރެއްވުމަށް ގިނަ މެންބަރުން މިއަދުގެ ޖަލްސާގައި ވެސް މިނިސްޓަރާ ސުވާލުކުރެއްވިއެވެ.
މީގެ ކުރިން ވެސް މިނިސްޓަރު މަޖިލީހަށް ވަޑައިގެންނެވި ފަހަރުތަކުގައި މެންބަރުން އެ ސުވާލު ތަކުރާރުކުރައްވާފައިވެއެވެ.