ޑރ. އަސަދު މުޙައްމަދު ޝަހީދު

ސާކްގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސަކަށް ޑރ. އަސަދު

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ސާކް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (ސާކް-އޭއޭ)ގެ ރައީސްކަމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ރާއްޖޭގެ ފުރަތަމަ ޕެއިން ސްޕެޝަލިސްޓު ޑރ. އަސަދު މުޙައްމަދު ޝަހީދު އިންތިޚާބްވެވަޑައިގެންފިއެވެ.

ޑރ. އަސަދު އިންތިޚާބުވެވަޑައިގަތުމަކީ ސަރަހައްދީ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމާއި، ޚާއްޞަ ތަމްރީނާއި، އަދި ފަންނީ ކުރިއެރުމުގެ ތެރެއިން އެނެސްތީސިއޮލޮޖީ ދާއިރާ ތަރައްޤީ ކުރުމަށް ދިވެހިރާއްޖެއަށް ފުރުޞަތުތައް ފަހިވެގެންދާނެ ކަމެކެވެ. އަދި ދިވެހި ޑޮކްޓަރުންނާއި، އެނެސްތީސިއާ ޓެކްނީޝަނުންނާއި، އަދި ނަރުހުންނަށް ސަރަހައްދީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

ސިއްޙަތާ ބެހެ ވުޒާރާއިން ބުނެފައިވަނީ، ލީޑަޝިޕް ރޯލުން ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އެއްބާރުލުމާއި ރިސާޗް އަދި ކެޕޭސިޓީ ތަރައްގީކުރަން އެހީތެރިވެދިނުމާއި ސާކްގެ މެމްބަރު ގައުމުތަކުގައި ހުރި ތަޖުރިބާ އަދި ވަސީލަތްތަކުގެ ފައިދާ ވެސް ރާއްޖެއަށް ލިބުމުގެ މަގު ތަނަވަސްވާނެ ކަމަށެވެ.

ޤައުމީ ފެންވަރުގައި އިސްކަންދޭ ކަންކަން ފާހަގަކޮށް، އެނެސްތީސިއާއާއި ކްރިޓިކަލް ކެއަރ ޚިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްޤީ ކުރުމާއި، އަދި ޚާއްޞަ ކްލިނިކަލް ތަމްރީނުތައް ހަރުދަނާ ކުރުމަށް ހުރި ފުރުޞަތުތައް ދިވެހިރާއްޖެއަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭނުންކުރެވިދާނެ ކަމަށް ސިއްޙަތާ ބެހެ ވުޒާރާއިން ވަނީ ބުނެފައެެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ އަދި ސަރަހައްދީ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަން އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. އަސަދު މި މަޤާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ ދިވެހިރާއްޖެއިން ޚާއްޞަ ސިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޤާބިލު ސިއްޙީ މަސައްކަތްތެރިންގެ ޓީމެއް ބިނާކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ދެ އަހަރު ދުވަހުގެ ރައީސްކަމުގެ ދައުރަކީ ސަރަހައްދީ ސިއްޙީ ދާއިރާ ތަރައްޤީ ކުރުމުގައި ހަރަކާތްތެރި ދައުރެއް އަދާކުރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ޕޮޒިޝަން ކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.

ޑރ. އަސަދު މުޙައްމަދު ޝަހީދު މި މަޤާމަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން މި މިނިސްޓްރީގެ މަރުޙަބާ ދަންނަވަމެވެ. އަދި ލީޑަޝިޕް ފުރުޞަތުގެ ބޭނުން ހިފައިގެން ދިވެހިރާއްޖޭގެ އެނެސްތީސިއޮލޮޖީއާއި ގުޅުންހުރި ޚާއްޞަ ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރަމެވެ.