މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ - -- ފޮޓޯ: ޖުމްލަ ސްޓޫޑިއޯ

ނަފްސަނީ ބަލިތަކަށް ހާއްސަ 5 ބޭހެއް ރާއްޖެއިން ނުލިބޭކަމަށް މިނިސްޓްރީ އިން ހާމަކޮށްފި

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބައެއް ބޭސްތައް ލިބުމުގައި ދަތިތަކެއް ހުރުމާ ގުޅިގެން، މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅިއެވެ. މި މައްސަލައާ ގުޅިގެން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ވަނީ ހެލްތު މިނިސްޓްރީއާއި އެމްއެފްޑީއޭގެ އިސްވެރިން ހާޒިރުކޮށް މަޝްވަރާކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން ވިދާޅުވި ގޮތުގައި، ނަފްސާނީ ބަލިތަކަށް ބޭނުންކުރާ ބޭސްތައް ވަނީ އަސާސީ ބޭސްތަކުގެ ލިސްޓުގައި ހިމަނައި، ސިއްހީ ހިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތަކުން ލިބެން ހުންނަންޖެހޭ ގޮތަށް ހަމަޖައްސާފައެވެ. 

އެގޮތުން މި އަހަރު ފެށުނީއްސުރެ، ފަސް ބާވަތެއްގެ ބޭސް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯއިން ވަނީ އެތެރެކޮށްފައިކަމުގައި ވަނީ ހާމަކޮށްފައެވެ. މި ފަސް ބާވަތުގެ ބޭހަކީ ބައިނަލްއަޤްވާމީ މާކެޓުން ވެސް ލިބުން ދަތި ބޭސްތަކެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

އޭޑީއެޗްޑީގެ ބޭހާ ގުޅޭގޮތުން އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވީ، މިތައިލްފެނިޑޭޓްއަކީ މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން މަނާ ބޭހެއްގެ ގޮތުގައި ހިމެނިފައިވާ ބޭހެއް ނަމަވެސް، މި ބޭސް ބޭނުންކުރުމުގެ މުހިންމުކަމަށް ރިއާޔަތްކޮށް، ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަކީ ބޭސް އިމްޕޯޓުކުރާ ޤައުމަކަށްވުމާއެކު، ކާގޯ ޕްލޮޓް ނުލިބުމުގެ ސަބަބުން ބޭސް އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވާކަން ވެސް ފާހަގަކުރެވުނެވެ.

އެމްއެފްޑީއޭގެ ޖަލީލާ ހާމަކުރެއްވި ގޮތުގައި، ގާނޫނަށް ބަދަލު ގެނެސްގެން ބޭސް އެތެރެކުރެވޭނެ މަގު ތަނަވަސްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މީގެ އިތުރުން މި މައްސަލަ ހައްލުކޮށްދިނުމަށް އެދި ފާއިތުވި ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގައި ވެސް އެދިވަޑައިގެންފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓްރީގެ ތަސްލީމާ ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖެއަކީ ބޭސްފަރުވާއަށް ބޭނުންވާ ހުރިހާ ބޭހެއް ބޭރުން އެތެރެކުރަންޖެހޭ ޤައުމަކަށްވުމާއެކު، ބޭސް ސްޓޮކް ހުސްވުމުން އަވަހަށް އެތެރެ ނުކުރެވުމަކީ ދިމާވާ ބޮޑު ގޮންޖެހުމެކެވެ. މި މައްސަލަ އާންމުކޮށް ދިމާވަނީ މުދާ އުފުލާ ބޯޓުފަހަރުގައި ޖާގަ ނުލިބުމުގެ ސަބަބުންކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.