ހެލްތު މިނިސްޓަރު ގީލާ އަލީ | ފޮޓޯ: މަޖްލިސް

މެންޓަލް ހެލްތު ހޮސްޕިޓަލަށް ހުޅުމާލެއިން ބިން ހަމަޖެހިއްޖެ: ގީލާ

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

މެންޓަލް ހެލްތު ބަލިތަކަށް ފަރުވާ ދޭ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހުޅުމާލެއިން ބިން ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ސަރުކާރުން އަޅަން ނިންމާފައިވާ މެންޓަލް ހެލްތު ހޮސްޕިޓަލް އަޅަން ނިންމާފައިވަނީ ކޮންތާކުތޯ އަދި އެފަދަ ހޮސްޕިޓަލެއް ވަކިން ހުންނަން ޖެހެނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

މިފަދަ ހޮސްޕިޓަލެއް މާލެއިން ބޭރުގައި ހުރުމުގެ ފައިދާ އާއި ގެއްލުމުގެ ދިރާސާއެއް ކުރެވިފައިވާނަމަ އެކަމުގެ ތަފުސީލު ހޯދުމަށްވެސް މެންބަރު މުހައްމަދު އިބްރާހީމް ވަނީ ސުވާލު ކުރައްވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ މެންޓަލް ހެލްތު ހޮސްޕިޓަލް އެޅުމަށް ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި މެންޓަލް ހެލްތު ބަލިތަކަށް ފަރުވާދޭ ވަކި ހޮސްޕިޓަލެއް ހުންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މެންޓަލް ހެލްތު ހޮސްޕިޓަލެއް ވަކިން ހުންނަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އެގޮތުން އެއީ ވަރަށް ހާއްސަ ފަރުވާތަކެއް ދެވޭ ތަނަކަށްވުމާއި އަދި މިކަހަލަ ފަރުވާތަކެއްގައި ބޭނުންވާ ހިއުމަން ރިސޯސް ނޫނީ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވާންޖެހޭ،" ގީލާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަންޖެހޭ ސަބަބެއްގެ ގޮތުގައި ގީލާ ފާހަގަ ކުރެއްވީ ގިނަ ރިސޯސަސް މާލޭގައި ހުރުމެވެ.

އެ ގޮތުން މެންޓަލް ހެލްތު ބަލި މީހުންނަށް ބޭނުންވާ ފަރުވާތަކާއި ހަދަންޖެހޭ ޓެސްޓުތައް ހެދެނީ މާލެ ސަރަހައްދުން ކަމަށް ގީލާ ވިދާޅުވި އެވެ. މީގެ އިތުރުން މެންޓަލް ހެލްތު ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރެއިން ބޮޑު އިންސައްތައަކީ މާލެ ސަރަހައްދުން އެފަދަ ބަލިތަކަށް ފަރުވާ ހޯދާ މީހުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ގީލާ ވިދާޅުވީ 2023 އިން 2025 ގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ސައިކްރޭޓިސްޓް ކޮންސަލްޓެންސީ ހޯދާފައިވާ ކަމަށާއި މީގެ ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުން ކަމަށެވެ.

މެންޓަލް ހެލްތު ބަލި މީހުންގެ ތެރޭގައި އެކި މަރުހަލާގައި ފަރުވާ ލިބެންޖެހޭ ބަލި މީހުން ތިބޭ ކަމަށާއި އޭގެ ތެރޭގައި ކުރު މުއްދަތުގައި އަދި ދިގު މުއްދަތުގެ ފަރުވާ ބޭނުންވާ ބަލި މީހުން ތިބޭ ކަމަށް ގީލާ ވިދާޅުވި އެވެ.

ގީލާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައިވެސް މެންޓަލް ހެލްތަކީ ސްޕެޝަލައިޒްޑް ހޮސްޕިޓަލް ނިޒާމެއްގެ ތެރެއިން ދެވޭ ފަރުވާތަކެކެވެ.