މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީގެ އިތުރުން 3 ބައްޔެއް ނުޖެހޭ ފުރަތަމަ ގައުމަކަށް ރާއްޖެ!

އާއިޝަތު އަނާ ރަޝީދު
 
8 މަސް ކުރިން

އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ މައިމީހާގެ ފަރާތުން ވިހާ ދަރިފުޅަށް ނުފެތުރޭ ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ރެކޯޑު ކުރެވިފައެވެ.

 މި ތިން ބަލި ކޮންޓްރޯލް ކުރެވުނު ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ އިއުލާން ކޮށްފައެވެ. އޭގެ ތެރެއިން އެޗްއައިވީ އާއި ސިފިލިސް ކޮންޓްރޯލް ކުރެވުނު ކަމަށް 2019 ގައި ވަނީ ސެޓިފައި ކުރެވިފައެވެ.


ޑަބްލިއުއެޗްއޯގެ އެންމެ އިސްވެރިޔާ ޓެޑްރޯސް އަދޮނަމް ގެބްރިޔޭސުސް ވިދާޅުވި ގޮތުގައި މިއީ މައިންނާއި ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށް ދިވެހި ސަރުކާރުން ކުރި އިންވެސްޓްމަންޓާއި ސިޔާސީ ގޮތުން ދެއްކި ވަރުގަދަ އަޒުމުގެ ނަތީޖާއެކެވެ. މި ކާމިޔާބީއަކީ އެހެން ޤައުމުތަކަށްވެސް ނަމޫނާއަކަށް ވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.


ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އެކަނިވެސް މި ބަލިތަކުގެ ސަބަބުން ގިނަ އަދަދެއްގެ މައިންނާއި ދަރިން ވަނީ މި ބަލިތަކަށް ހުށަހެޅިފައެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރަހައްދުގައި ސިފިލިސް ޖެހިފައިވާ 23،000 މައިންގެ ތެރެއިން 8،000 ކުދިންނަށް މި ބަލި އަރާފައިވެއެވެ. އަދި އެޗްއައިވީ ހުރި 25،000 އަންހެނުންގެ ފަރާތުން އެ ބަލި އެމީހުންގެ ދަރިންނަށް ފެތުރިފައިވެއެވެ. މީގެ އިތުރުން ހެޕަޓައިޓިސް-ބީ 42 މިލިއަން މީހުންނަށް ޖެހިފައިވާކަން ފާހަގަކުރެވެއެވެ.


ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ކެތަރިން ބޮއިމީ ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ މި ކާމިޔާބީއަކީ ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް އެންމެންނަށް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ހެއްކެއް ކަމަށެވެ.