ޑރ. ޝާހު މާހިރު -- ފޮޓޯ: ދައުރު

ބޭސް އެތެރެ ކުރާ ކުންފުނީގެ އެމްޑީ އަކަށް ޑރ. ޝާހު!

މުހައްމަދު ހަމީޒް
 
9 މަސް ކުރިން

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. ޝާހު މާހިރު މިއަދު އައްޔަންކޮށްފި އެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ރާއްޖެ އެތެރެކުރަން ހާއްސަ ކުންފުންޏެއް އުފެއްދީ، މިދިޔަ އަންގާރަ ދުވަހު އެވެ. ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ވަނީ އެ ކުންފުނީގެ ބޯޑު އެކުލަވާލައި މަގާމުތަކަށް އައްޔަންކުރި މީހުންގެ ނަންތައް ހާމަކޮށްފަ އެވެ.

ޕީސީބީން ކުރި ޕޯސްޓުގައިވާ ގޮތުން ޑރ. ޝާހްއާ އެކު މި ކުންފުނީގެ ބޯޑުގައި ތިއްބަވަނީ ދެ މެންބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އައިޝަތު މުހައްމަދު، މ. ކުރެއްދޫ އަދި ޝިބާނާ އަބްދުﷲދީދީ، ފްލެޓް ނަންބަރު 10-3-1 އެވެ. 

މިސަރުކާރުގެ ކުރީކޮޅު ޑރ. ޝާހް ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.