ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި "އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ މައްޗަށް 10 ދުވަހުގެ ޖަލު ހުކުމެއް އައީ "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ވާހަކަ ދެއްކުން މަނާކޮށް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން އޭނާ ލިޔުނު ޚަބަރަކާ ގުޅިގެންނެވެ. މި ޑޮކިއުމެންޓްރީއަކީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދައުވާތަކުގެ މައިގަނޑު އަސާސެވެ.
މިއަދު ހެނދުނު 11:00 ގައި ކޯޓަށް ހާޒިރުވިއިރު ލީވާންގެ ފަރާތުން ގާނޫނީ ވަކީލަކު ނެތެވެ. އޭނާ ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ ފުރުސަތަކަށް އެދިފައެވެ. ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަކީލަކު ހޯދުމަށް އޭނާއަށް ދެއްވީ އެންމެ ދެ ގަޑިއިރުގެ ފުރުސަތެކެވެ. މިއަދު މެންދުރުފަހު 2:00 ގައި ބޭއްވި އަޑުއެހުމަށްފަހު، ކޯޓުން ނިންމީ ލީވާން ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ.
މީގެ އިތުރުން، އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ވެސް މިއަދު ވަނީ ކޯޓަށް ހާޒިރުކޮށް، 15 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. ޝަހުޒާން ކޯޓަށް ހާޒިރުކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ސުވާލު ކުރުމާ ގުޅިގެންނެވެ.
ޝަހުޒާނަށް ވެސް ވަކީލަކު އައްޔަން ކުރުމަށް ކޯޓުން ދީފައިވަނީ ދެ ގަޑިއިރުގެ ކުރު ފުރުސަތެކެވެ. އޭނާ ކޯޓަށް ހާޒިރުވީ ވަކީލަކާ ނުލައެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ކުރި ހުކުމްތަކާއެކު، ނޫސްވެރިކަމުގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.