ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު އައްޔަން ކުރަން ނިންމައިފި

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމުތަކަށް ތިން ބޭފުޅަކު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ތިން ބޭފުޅުންނަކީ:

އަހުމަދު ތައުފީގު، ހއ. ދިއްދޫ/ޑޭޒީމާގެ

ސުލައިމާން މުހައްމަދު، ޅ. ކުރެންދޫ/ނޫރާނީގޭ

މުހައްމަދު އަބްދުالله، ތ. ވޭމަންޑޫ/ޑްރީމް

ކްރިމިނަލް ކޯޓަށް ތިން ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން އިއުލާން ކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 29 ބޭފުޅަކު ކުރިމަތިލާފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި މިހާރުވެސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނެއެވެ.

ޖޭއެސްސީން މި ތިން ބޭފުޅުން އައްޔަން ކުރަން ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން މިކަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އިތުބާރު ހުރި މަސްދަރުތަކުން ވަނީ މި ތިން ބޭފުޅުންގެ ނަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ކްރިމިނަލް ކޯޓުގެ އިތުރުން ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ ތިން މަގާމަކަށް ވެސް ކުރިމަތިލާން ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ. އެ މަގާމުތަކަށް 42 ބޭފުޅަކު ކުރިމަތިލާފައިވީ ނަމަވެސް، ސިވިލް ކޯޓަށް އައްޔަން ކުރަން ނިންމި ބޭފުޅުންގެ މައުލޫމާތު އަދި ސާފުވާގޮތެއް ނުވެއެވެ.