މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި އެ ގައުމުގެ ދެ މީހަކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މުހައްމަދު ޝަޖަހާން ކިޔާ ބަންގްލަދޭޝް މީހަކު ކިޑްނެޕް ކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލްއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ކިޑްނެޕްކޮށް، އަނިޔާކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށެވެ.
ފުލުހުން އެ ސަރަހައްދުގައި ތިއްބައި، ފެނުނީ އެ ގޯޅިތެރޭގައި ހުންނަ އެސް.އައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަނެވެ. އޭނާއާ ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ކިޑްނެޕްކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް ކިޔައިދީފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިއްބެވެ. ދެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިންނެވެ.
ކޯޓު އަމުރުގައި ބުނީ ތިލަފުށީގައި މަސައްކަތްކުރާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއް ކަމަށެވެ. އެކަމަކު މީހަކު ކިޑްނެޕްކޮށް އަނިޔާކުރުމުގައި ބައިވެރިނުވާ ކަމަށް އޭނާ ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.
އަޒީޒުލްގެ އަމުރުގައި ބުނީ އޭނާއަކީ ވެސް ސައްހަ ވިސާއެއް ނެތި އުޅެމުންދާ މީހެއް ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުގައި އޭނާ ލައްވާ، ޝަޖަހާން މަސައްކަތްކުރުމަށް ފަހު އެ މަސައްކަތަށްވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ލިބިފައިނުވާތީ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށާއި އޭނާގެ ގައިގައި ޖަހާފައިވާ ކަމަށް އަޒީޒުލް ބުނެފައިވާ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހީ އެއީ ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތުމުން ކަމަށް އަމުރުގައި ބުންޏެވެެ.