މާލެ ޓެކްސީ ލައިންގެ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތުތައް ލީކުކުރީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށާއި، އެ މުވައްޒަފު މަސްއޫލިއްޔަތުން އެކަހެރިކޮށް މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
މި މައްސަލައަކީ އެމްޓީސީސީން ހިންގާ ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެނެސް، އާންމުންނާއި ޑްރައިވަރުންގެ މައުލޫމާތުތަކުގެ ސްކްރީންޝޮޓްތައް ނަގައި ސޯޝަލް މީޑިއާގައި ލީކުކޮށްލި މައްސަލައެކެވެ. އެމްޓީސީސީން ބުނި ގޮތުގައި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައެވެ.
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ މިއަދު ވިދާޅުވީ، އެ މުވައްޒަފު އެ އަމަލު ހިންގާފައިވާ ކަން ކުންފުނީގެ ސިސްޓަމް ލޮގްތަކުން ވަރަށް ސާފުކޮށް ފެންނަން ހުރި ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ތަހުގީގު ކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ.
އެމްޓީސީސީން ނެރުނު ރަސްމީ ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުތަކެއް ގެންނަމުންދިޔަކަން ކުންފުނީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަކުރެވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައެވެ. އެއާއެކު ރޭގެ ވަގުތެއްގައި ކުންފުނީގެ ސާވަރުތަކާއި ސިސްޓަމްތައް އަލުން ރައްކާތެރިކުރެވިފައިވާ ކަމަށް އެ ކުންފުނީގެ ބަޔާނުގައިވެއެވެ.
މި ހާދިސާއަކީ އެޕްލިކޭޝަންގެ ފަޔަވޯލް ފަޅާލައިގެން ބޭރުގެ ފަރާތަކުން ދިން ހެކިން ހަމަލާއެއް ނޫން ކަމަށް އެމްޓީސީސީން ބުންޏެވެ. އެހެންކަމުން ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނެތި، މާލެ ޓެކްސީ ލައިންގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބެމުންދާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.