32 އަހަރުގެ އަންހެނަކު އޭނާގެ 64 އަހަރުގެ ލޯބިވެރިޔާއަށް ހަމަލަދީފި

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން

މާލޭގައި އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ރިޕޯޓުކުރެވިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ދެ ލޯބިވެރިންގެ ދެމެދުގައި ހިނގި ޒުވާބެއް ހަމަލާދިނުމަކަށް ބަދަލުވުމާ ގުޅިގެން، އެކަކަށް އަނިޔާވި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 10:00 ޖަހާ އެތާނގައެވެ.

މި ހަމަލާދިނީ 32 އަހަރުގެ އަންހެނެއް ކަމަށާއި، އަނިޔާވެފައިވަނީ އޭނާގެ 64 އަހަރުގެ ލޯބިވެރިޔާއަށް ކަމަށް ފުލުހުން ހާމަކުރެއެވެ. ނަމަވެސް، މި ދެމީހުންނަކީ ކޮން ގައުމެއްގެ ދެމީހުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަނިޔާވި ފިރިހެން މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ދިން ހަމަލާގެ ސަބަބުން ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، މި މާރާމާރީގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.