ފުލުހުންގެ ބެލުމުގެ ދަށުގަިއ ހުރި ތަކެތި ގެއްލުން ބަލައި ނުގަނެވޭނެ، މައްސަލަ ބަލާނަން: ފުލުހުން

އާއިޝަތު އަނާ ރަޝީދު
 
8 ދުވަސް ކުރިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓް ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފި އެވެ. 

އެ އިދާރާގެ އަހުލާގީ މިންގަނޑުތަކާއި އަސާސީ އުސޫލުތަކާ ހިލާފު ކޮންމެ ކަމަކީ ބޮޑު އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅާނެ ކަންކަން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ގެއްލުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފުލުހުން ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މިކަމަކީ ފުލުހުންގެ ފަރާތުން ފެންނަން ޖެހޭ އަހުލާގީ ހަރުދަނާ މަސައްކަތުގެ ރޫހާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ވީމާ، މިކަމުގައި ބައިވެރިވި ފަރާތް ނުވަތަ ފަރާތްތައް ދެނެގަނެ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް އެ ހިދުމަތުން ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

އެ މުއައްސަސާގެ ހުރުމަތް ކުޑަކޮށް، އާންމު ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލަން އެއްވެސް މުވައްޒަފަކަށް އެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުންގެ ހުރިހާ މުވައްޒަފުންނަކީ ވެސް ޖަވާބުދާރީވުމާއި ނަޒާހާތްތެރިކަން ހިފަހައްޓައި، ސާބިތުކަމާ އެކު ދެމިތިބޭ އިހުލާސްތެރި ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ބަޔަކަށް ހެދުމަކީ އެ މުއައްސަސާގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކުރަމުން އަންނަ މައިގަނޑު އަމާޒު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި، ގެއްލިފައިވަނީ ވަކި ދެ މައްސަލައެއްގައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 31 ކާޓަންގެ ސިނގިރެޓެވެ. އެއީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 32 ކާޓަންގެ ސިނގިރޭޓުގެ ތެރެއިން ހަ ކާޓަން އާއި، އަދި ދެ ބިދޭސީއެއްގެ އަތުން މިދިޔަ އަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެ ސްޓޭޝަނަށް ގެންދިޔަ 25 ކާޓަންގެ ސިނގިރޭޓެވެ. މި ގެއްލުނު 31 ކާޓަންގެ ސިނގިރޭޓަކީ މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓް ކަމަށާއި، މިތަކެތި ފުލުހުން ހޯދާފައިވަނީ ތިލަފުށިން ކަމަށް ވެސް ވަނީ އެނގިފަ އެވެ. މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަތައް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.