ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ވަގަށް ނެގި މައްސަލައެއްގައި ބޭންކް އޮފް ސިލޯންގެ ކުރީގެ ޑެޕިއުޓި ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭނަ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ.
ވަގަށް ނެގި ފައިސާ އަނބުރާ ދައްކަން ހެޔޮ ނިޔަތުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކޯޓަށް ނުފެންނާތީ އާއި ހެކި ގަރީނާގެ މައްޗަށް ބަލައި ކުށުގެ ދަރަޖަ މަތި ކުރަން ވެސް ކޯޓުން ކަނޑައެޅި އެވެ.
ހަސަންގެ މައްސަލަ 2019 ވަނަ އަހަރު ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ފުރަތަމަ ވެސް ތާވަލުކޮށްފައި ވަނީ 2024 އަށެވެ. އެހެންވެ، އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު ހަސަން ވަހީދަށް ގެއްލިފައިވާ ކަމަށް ފެންނާތީ ފަނޑިޔާރު ވަނީ އޭނާގެ އަދަބުން ދެ ދަރަޖައެއް ލުއިކޮށް ދީފަ އެވެ. ވަހީދުގެ ޖަލު އަދަބުން ދެ އަހަރު ލުއިކޮށް ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ.
އެގޮތަށް ބަދަލު ކުރުމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާ ކަމަށް ބުނެފައިވެ އެވެ.
އެ މައްސަލައިގައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކަނޑައެޅީ އެ ދެ ދައުވާ ވެސް ވަހީދުގެ މައްޗަށް ސާބިތުވާ ކަމަށެވެ. ސައްހަ ނޫން ލިޔުމެއް އުފެއްދި މައްސަލައިގައި އޭނާ ވަނީ ހަ މަސްދުވަށް ޖަލަށްލައިފަ އެވެ. އަދި ވައްކަން ކުރި މައްސަލައިގައި އޭނާ ވަނީ ދެ އަހަރާއި ނުވަ މަހާއި 11 ދުވަހަށް ޖަލަށްލައިފަ އެވެ.