ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައެއްގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި މައްސަލައެއް ފެންމަތިވެ، އެ ފިހާރަ ބަލައިފާސްކުރުމަށްފަހު އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައެއްގައި އެހެން ދީންތަކުގެ ޝިއާރުތަކާއި ރަމްޒުތައް ހިމެނޭ ތަކެތި ވިއްކަން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެގޮތުން، މިދިޔަ ބުދަ ދުވަހުގެ ހަވީރު 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެހެން ދީންތައް ރަމްޒުކޮށްދޭ 6 ޕޮޓެއް ވިއްކަން ބަހައްޓާފައި ހުރިކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންނެވެ.