ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީ ޓެކްސީ ލައިންގެ ޓެކްސީއެއް މަގުގެ އަރިމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގުމުން އެ އުޅަނދު ދުއްވަން އިން ޑްރައިވަރުގެ ލައިސަންސް ފުލުހުން ހިފަހައްޓައިފިއެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ބަގީޗާ ހިނގުމުން ދަތުރުކުރަމުން ދިޔަ އެމްޓީސީސީގެ ޓެކްސީ ލައިންގެ ކާރެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް، މަގުގެ އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައި ބާރަށް ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އުޅަނދުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ފަތިހު 04:33 ހާއިރުއެވެ. އެ ވަގުތު މި ޓެކްސީ ދުއްވަން އިނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.=
މި ހާދިސާގައި ކާރުގެ ބޮޑުބައެއް ހަލާކުވެގެން ދިޔައިރު، ކާރު ދުއްވަން އިން ޑްރައިވަރަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ނަމަވެސް، އޭނާއަށް ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމަށް ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.